ލ. ގަމުގެ ގެއެއްގައި ނިދާފައި އޮތް މީހަކު މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ލ.ގަން، ތުނޑި، ވިދާތަރި، އަހްމަދު ނިޔާޒް،28، ދޫކޮށްލައިފި އެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުގެރޭ 11:40 އެހައިކަންހާއިރު ވިދާތަރިގޭގައި ނިދާފައި އޮތް އެރަށު އަސުރުމާގެ މުހައްމަދު ހަސަންގެ ބޮލުގައި އެއްޗަކުންޖަހައި އޭނާއަށް ހަމަލާދިނުމުގެ ސަބަބުން ލިބިފައިވާ ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ނިޔާޒު ބަންދުން ދޫކޮށްލާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ކަމަށެވެ.

މަނިކު ވިދާޅުވީ ނިޔާޒު ބަންދުން ދޫކޮށްލާފައި ވަނީ އޭނާ ބަންދުގައި ހުންނަތާ ނުވަ މަސް ދުވަސްވީއިރު ވެސް ދައުވާ ކުރެވޭ ވަރުގެ ހެކި ލިބިފައި ނުވާތީ އާއި އަދި އޭނާގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ތަކުރާރުކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުމުން އެކަމާ މެދު ގޮތެއް ނިންމާފައި ނުވާތީ ކަމަށެވެ.

އަހްމަދު ނިޔާޒަކީ މާރާމާރީގެ މައްސަލަތަކުގެ ރެކޯޑްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގަނެފައިވާ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.