"ސެލެބްރޭޓް އުރީދޫ"ގެ ނަމުގައި ހާއްސަ ޝޯއެއް ރޭ ބާއްވައިފި އެވެ.

ވަތަނިއްޔާގެ ނަން އުރީދޫއަށް ބަދަލު ކުރުމާއި ގުޅިގެން ރާޅުގަނޑު ސަރަހައްދުގައި ރޭ ބޭއްވި ޝޯގައި އޮގްމެންޓެޑް ރިއަލިޓީ އެޕްލިކޭޝަނެއް ވަނީ ތައާރަފްކޮށްފަ އެވެ. އެއީ މުޅިން އަލަށް ރާއްޖެއަށް ތައާރަފްކުރި އެޕްލިކޭޝަނެކެވެ. އެ އެޕްލިކޭޝަން މެދުވެރިކޮށް ފޯނުގެ ކުރިމަތީގައި ހަރުކޮށްފައިވާ ސެންސާއަކަށް ފޯނު ދިމާކޮށްލުމުން އުރީދޫގެ އިޝްތިހާރުގައި ބައިވެރިވާ ބައެއް ކުދިން ފެނިގެންދާނެ އެވެ. އެ ހިދުމަތް ލިބިގަތް ފަރާތްތަކަށް އުރީދޫއިން ވަނީ ރޭ ހާއްސަ އިނާމެއް ވެސް ދީފަ އެވެ.

ހަރުބީ ބޮޑު ގުރޫޕާއި ޓްރެފިކް ޖޭމްގެ ފޯރިގަދަ ލަވަތައް ހުށަހަޅައިދިން ޝޯ ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުގައި ފޮޓޯ ބޫތު ތަކެއް ވެސް ބަހައްޓާފައި ހުއްޓެވެ. އަދި މެސީ ފޮޓޯ ބޫތުން ހަތް ރަހުމަތްތެރިންނާއެކު ފޮޓޯ އެއް ނެގުމުން އިނާމުގެ ގޮތުގައި ހިލޭ ޑޭޓާ އެލަވަންސެއް ވެސް ދިނެވެ.

މީގެ އިތުރުން ވެސް ޝޯއަށް ދިޔަ ފަރާތްތަކުން ފުޓުބޯޅަ ޗެލެންޖްގައި ބައިވެރިވެ ހުނަރު ދައްކާލުމުން އެފަރާތްތަކަށް ވެސް އުރީދޫގެ ފަރާތުން ވަނީ އިނާމުތަކެއް ދީފައި ވެއެވެ.