05 Jan 2014, 10:19
ޕެރިސް (ޖަނަވަރީ 5): ދާޚިލީ ހަނގުރާމައާއި ތަޅާފޮޅުންތަކުގެ ސަބަބުން ބިކަހާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށްދިނުމުގައި ޙަކަރާތްތެރިވަމުން ގެންދިޔަ "ޑޮކްޓާސް ވިތައުޓް ބޯޑާސް"ޖަމްޢިއްޔާގެ ޑޮކްޓަރުންތަކެއް އެގައުމުގެ ހަނގުރާމަވެރި ޖަމާއަތަކުން ހައްޔަރުކޮށްފި އެވެ.
"ޑޮކްޓާސް ވިތައުޓް ބޯޑާސް"އިން ބުނީ އެ ޖަމްއިއްޔާ އަށް ފަސް ޑޮކްޓަރުން ގެއްލިއްޖެ ކަމަށާއި އެ މީހުން ގެއްލިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރުގައި ކަމަށެވެ. އެ ޖަމްޢިއްޔާގެ ފަރާތުން ވާހަކަ ދެއްކެވި ތަރްޖަމާނަކު ވިދާޅުވީ ތަހްގީގްތަކެއް ހިންގަން ޖެހޭ ކަމަށް ބުނެ ހަތިޔާރުއެޅި ބަޔަކު އެމީހުން ހައްޔަރުކުރީ ކަމަށާއި އެއަށް ފަހު އެ މީހުންނަށް ވީގޮތެއް ނޭނގޭ ކަމުގަ އެވެ. ހައްޔަރުކުރި ވަގުތު އެމީހުން ހަރަކާތްތެރިވަމުން ދިޔައީ ސޫރިޔާގެ އުތުރުގައި ހަނގުރާމަވެރިންގެ ބާރުގަދަ ސަރަހައްދެއްގައި ކަމަށްވެ އެވެ.
ގެއްލިފައިވާ ފަސް ޑޮކްޓަރުން ނިސްބަތް ވަނީ ސްވިޑްން، ޑެންމާކް، ސްވިސްޓްޒަރލޭންޑް، ބެލްޖިޔަމް އަދި ޕެރޫ މިފަސްގައުމަށެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސޫރިޔާގެ ޖަމްޢިއްޔާއެއް ކަމަށްވާ "ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް"އިން ބުނީ ގެއްލިފައިވާ ބޭރުގެ ފަސްޑޮކްޓަރުން ހައްޔަރުކުރުމުގެ ފަހަތުގައި ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ހަރަކާތްތެރިވާ "އިސްލާމިކް ސްޓޭޓް ފޯރ އިރާޤް އެންޑް ޝާމް"ޖަމާއަތް ކަމުގަ އެވެ. މިއީ ސޫރިޔާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އެނޫން ވެސް އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކަށް ޙަމަލާދޭކަމުގެ ތުހުމަތު ކުރެވިފައިވާ އަލްގާއިދާއާ ގުޅިފައިވާކަމަށް ބުނެވޭ ޖަމާއަތެކެވެ. މީގެ އިތުރުން ސޫރިޔާގެ އާންމުން ބައިބޯ ސަރަހައްދުތަކުގައި ބޮންގޮއްވުމުގެ ޢަމަލުތައް ހިންގާ ކަމުގެ ތުހުމަތު ވެސް "އިސްލާމިކް ސްޓޭޓް ފޯރ އިރާޤް އެންޑް ޝާމް" ޖަމާއަތުގެ މައްޗަށް ކުރެވިފައިވެ އެވެ.
އަނެއްކޮޅުން "ޑޮކްޓާސް ވިތައުޓް ބޯޑާސް" އަކީ އިންސާނީ އެހީއަށް ޓަކައި މަތިވެރި ޚިދްމަތްތަކެއް ކުރަމުން ގެންދާ ޖަމްއިޢްޔާ އެއް ކަމަށްވިޔަސް އެ ޖަމްޢިއްޔާގެ ތެރެއަށް ވެސް ނަސާރާ ދީން ފަތުރާ މީހުންނާއި ހުޅަނގުގެ ލާދީނީ އަދި ޣައިރު އަޚްލާގީ ފިކުރުތައް ފެތުރުމަށް މަސައްކަތްކުރާ ވޮލަންޓިއަރުން ވަދެ އިންސާނީ އެހީ ދިނުމުގެ ނަމުގައި އެމީހުންގެ މުޑުދާރު ފިކުރުތައް އިސްލާމީ ގައުމުތަކުގައި ފަތުރަމުންގެންދާ ކަމުގެ ތުހުމަތު އެޖަމްޢިއްޔާއަށް ނިސްބަތްވާ ބައެއް ވޮލަންޓިއަރުންގެ މައްޗަށް ކުރެވިފައިވެ އެވެ.
ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގާ އެގައުމުގެ ރައްޔިތުންގެ 130 ހާސް މީހުން މަރުވެފައިވާއިރު 8 ވަރަކަށް މިލިޔަންމީހުން ޙާލުގައި ޖެހިފައިވެ އެވެ. މިއީ ސޫރިޔާގެ ރައްޔިތުންގެ ގާތްގަނޑަކަށް 45 އިންސައްތަ އެވެ. މީގެތެރެއިން ތިން މިލިޔަނެއްހާ މީހުން ދިރިއުޅެނީ އަވަށްޓެރި އަރަބި ގައުމުތަކުގެ ހަނަފަސް ސަހަރާތަކުގައި ވަގުތީ ފޭލިގެތަށް ޖަހައިގެ ވަރަށް ދަތިހާލުގަ އެވެ. (ނޫސްއެޖެންސީތައް)