އެޑިސްއަބާބާ (ޖަނަވަރީ 5): ދާޚިލީ ހަނގުރާމައެއްގެ ތުންފަތްމަތީގައިވާ ދެކުނު ސޫދާނުގެ ރިޔާސީ ގަނޑުވަރުގެ ކައިރީގައި އެ ގައުމުގެ ސިފައިންނާއި އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު ވަރުގަދައަށް ޙަމަލާތައް ކޮށްފިކަމަށް ކަމަށް ޚަބަރު ލިބިއްޖެ އެވެ.

އަލްޖަޒީރާ ޚަބަރުދޭގޮތުގައި ވެރިރަށް ޖޫބާގައި ހުންނަ ރިޔާސީ ގަނޑުވަރުގެ ކައިރީގައި މިޙަމަލާތައް ބަދަލުކޮށްފައި ވަނީ ދެކުނު ސޫދާނުގެ ރައީސް ސަލްފާ ކީރަށް ވަފާތެރި އެގައުމުގެ ސިފައިންނާއި ކުރީގެ ނައިބު ރައީސް މުޝާރަށް ތާއީދުކުރާ ހަނގުރާމަވެރިންނާ ދެމެދުގަ އެވެ. މިޖަނަވަރީ މަހުގެ އެއްވަނަ ދުވަހު އިތިއޮޕިޔާގެ ވެރިރަށް އެޑިސް އަބާބާގައި ބޭއްވި ދެކުނު ސޫދާނުގެ ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރުގައި ޙަމަލާތައް ހުއްޓާލުމަށް ދެފަރާތުގެ މަންދޫބުން އެއްބަސްވެފައިވީ ނަމަވެސް މިކަން ޢަމަލީގޮތުން ތަންފީޒު ކުރެވިފައިނުވާ ކަމަށް ޚަބަރުލިބެ އެވެ.

ދެކުނު ސޫދާންގައި ހިނގަމުންދާ ތަޅާފޮޅުންތައް ހުއްޓާލުމާ ބެހޭ ވާހަކަތަކުގެ އިތުރު ބުރެއް އެޑިސް އަބާބާގައި އިއްޔެ ވެސް ވަނީ ފަށާފަ އެވެ. މިވާހަކަތަކުގެ އަމާޒަކީ ޙަމަލާތައް ބަދަލުކުރުން މުޅިން ނިމުމަކަށް ގެނައުމެވެ. އިތިއޮޕިޔާގެ ޚާރިޖީ ވުޒާރާ އިން ބުނީ އިއްޔެ ހަވީރު ފެށި މިވާހަކަތައް ކުރިޔަށް ދަނީ ދެކުނު ސޫދާނުގެ އަރާރުންތަކުގެ ދެފަރާތް ކަމަށްވާ ރައީސް ސަލްފާ ކީރުގެ މަންދޫބުންނާއި އޭނާގެ ވާދަވެރިވާ އަދި ކުރީގެ ނައިބު ރައީސް މުޝާރު ގެ މަންދޫބުންނާ ދެމެދުގައި ކަމުގަ އެވެ. އަދި މިވާހަކަތަކުގައި މެދުވެރިއެއްގެ ބައި އަދާކުރަނީ އެފްރިކާގެ ބައެއްގައުމުތަކުގެ މަސްއޫލުވެރިންނެވެ.
ދެކުނު ސޫދާނުގެ ރައީސް ސަލްފާ ކީރަށް ވަފާތެރި ސިފައިންނާއި އޭނާގެ ވާދަވެރިވާ އަދި ކުރީގެ ނައިބު ރައީސް މުޝާރަށް ތާއީދުކުރާ އިދިކޮޅު ހަނގުރާމަވެރިންނާ ދެމެދު މީގެތިން ހަފްތާކުރިން ހިނގަމުންދާ ބަޑީގެ ޙަމަލާތަކުގައި އެތައް ބަޔަކު މަރުވެ އިތުރު ބަޔަކު ޒަޚަމްވެ އަދި ރައްޔިތުންގެ ގިނަ ބަޔަކު ހާލުގައިޖެހިފައިވާ އިރު މިކަމުގެ ސަބަބުން އެގައުމު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރުވަނީ ހީވެފަ އެވެ. (އަލްޖަޒީރާ)