ރާމަﷲ (ޖަނަވަރީ 5): އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އިސްރާއީލަށާއި ފަލަސްތީނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައޫދީ އަރަބިޔާ އަށާއި އުރުދުންއަށް މިއަދު ވަޑައިގަންނަވާނެކަން އޭނާ ޢިއްލާން ކުރައްވައިފި އެވެ.

ރާމަﷲގައި ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ދެވަނަ ފަހަރަށް ބައްދަލުކުރެއްވުމަށް ފަހު ކެރީ ވިދާޅުވީ މެދުއިރުމަތީގެ ސުލްޙައިގެ ވާހަކަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ސައޫދީ އަރަބިޔާއަށާއި އުރުދުންއަށް މިއަދު ވަޑައިގަންނަވާނެ ކަމަށާއި އެއީ ބޭނުންތެރި ކަމެއްކަމުގަ އެވެ. ކެރީ ދެވަނަ ފަހަރަށް ޢައްބާސް އާ ބައްދަލުކުރެއްވީ އެމެރިކާގެ ބެލުމުގެދަށުން މިހާރު ކުރިޔަށްދާ އިސްރާއީލާއި ފަލަސްތީނުގެ ސުލްޙައިގެ ވާހަކަތަކުން ނަތީޖާއެއް ނެރުމަށް އެމެރިކާ ގެންގުޅޭ އިސްރާއީލުކޮޅަށް ޖެހި ހުސްވެފައިވާ ފިކުރުތައް ފަލަސްތީނުން ގަބޫލުކުރޭތޯ ރައީސް މަހްމޫދު ޢައްބާސް އަށް އިތުރަށް ބާރުއެޅުއްވުމުގެ ގޮތުން ކަމަށް ޚަބަރުލިބެ އެވެ.

ސުލްޙައިގެ ވާހަކަތަކުގައި އިސްރާއީލުގެ ކޮޅަށްޖެހި ހުސްވެފައިވާ ކަމުގެ ތުހުމަތުގައިކެރީއާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ. ކެރީ ދެވަނަ ފަހަރަށް ޢައްބާސް އާ ބައްދަލުކުރައްވާފައިވާ އިރު އދ.ގެ ގަރާރުތަކާއި ބައިނަލްއަޤްވާމީ ޝަރްޢިއްޔަތުން ބޭރުގައި އެމެރިކާ ގެންގުޅޭ އިސްރާއީލަށް ފައިދާކުރަނިވި ފިކުރުތައް ބަލައިގަނެ ސުލްޙައިގެ ވާހަކަތަކުގައި އިސްރާއީލަށް ދޫދިނުމަށް އޭނާ ފަލަސްތީނަށް ބާރުއަޅުއްވަމުން ގެންދަވާ ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

އިސްރާއީލާއި ފަލަސްތީނާ ދެމެދު ދެކެވެމުންދާ ސުލްޙައިގެ ވާހަކަތަކަށް ހަ މަސްވެފައިވާ އިރު އެވާހަކަތަކުން ނަތީޖާއެއް ނެރުމަށް އެޅިފައިވާ އެންމެ ބޮޑުހުރަހަކީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫ ޢެވެ. ނަމަވެސް މިމަޝްރޫޢު ހުއްޓުވުމަށްޓަކައި އިސްރާއީލަށް އެއްވެސް ފިއްތުމެއް ކުރިމަތި ކުރުމަށް އެމެރިކާ ގެންދަނީ ދެކޮޅުހަދަމުންނެވެ. އަދި އެމެރިކާ މަސައްކަތްކުރަމުން ގެންދަނީ ފަލަސްތީނުގެ ކިބައިން އިސްރާއީލު ބޭނުންވާ ދޫތައް ހޯދުމަށް ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ކެރީ ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާއި އިސްރާއީލުގެ ޚާރިޖީ ވަޒީރު އާވެސް ބައްދަލުކުރައްވާފަ އެވެ. އެމެރިކާގެ ބެލުމުގެ ދަށުންކުރިޔަށްދާ ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ ފުރަތަމަ މަރްހަލާގެ ވާހަކަތައް އަންނަ އެޕްރީލް މަހު ނިންމާލުމަށް ހަމަޖެހިފައިވާ އިރު މިވާހަކަތަކުން މިހާތަނަށް އެއްވެސް ނަތީޖާއެއް ނެރެވިފައެއްނުވެ އެވެ. (އަލްޖަޒީރާ)