05 Jan 2014, 09:46
ހިލޭ ބޭސްފަރުވާ ކުރަން ކޮންމެ މީހަކު ވެސް ބޭނުންވެ އެވެ. ގަންނަން ޖެހޭ ކޮންމެ އެއްޗަކަށް ދައުލަތުން ސަބްސިޑީ ދީގެން އަގުހެޔޮ ކުރަން ވެސް ބޭނުންވެ އެވެ. ހިލޭ ބޯހިޔާވަހިކަން ބޭނުންވާއިރު ހިދުމަތް ލިބިގަތުމަށް ފަހު އެ އަންނަ ބިލްތައް އަގުހެޔޮވާން ވެސް އެދެ އެވެ. ކިޔަވާކުދިންގެ ފީތަކާއި ފޮތްތައް ހިލޭ ދޭ އިރު ކިޔަވާމަތިން އެލަވަންސެއް ދޭ ނަމަ ހާދަ ރަނގަޅުތާ އެވެ. ކޮންމެ މަހަކު ކޮފީއަށް ކުރަން ޖެހޭ ހަރަދުތަކަށް ދައުލަތުން ސަބްސިޑީ ދޭ ނަމަ އެއީ ކޮންފަދަ އުފަލެއްތޯ އެވެ. އާބާދީ މަދަސް ކޮންމެ ރަށެއްގައި އޭލަވެލް އަށް ކިޔަވައިދޭ ސްކޫލަކާއި ހުރިހާ ބައްޔަކަށް ފަރުވާ ކުރެވޭ ހޮސްޕިޓަލަކާއި އެއާޕޯޓެއް ގާއިމްކޮށްދޭ ނަމަ ހާދަރަނގަޅެވެ. މިއީ ރައްޔިތުން އެދޭ ކަންކަމަށް ވެދާނެ އެވެ. ނޫނީ ސިޔާސީ މީހުންގެ ސިޔާސަކަމުން ދައްކާ ވާހަކައަކަށް ވެސް ވެދާނެ އެވެ. ނަމަވެސް އަދުގެ ހާލަތާއި ހަގީގަތަށް ބަލައި އެފަދަ ބޯދާ ވިސްނުމުން ހޭލަންވެއްޖެ އެވެ.
"އަޅުގަނޑުމެންގެ ދަރަނި މިހިރީ ރަތް މިންގަނޑުގައި. މި ނޫންގޮތަކަށް ގައުމުގެ އިގްތިސޯދު ކުރިއަށް ގެންދިޔުމުގައި އެބަ ވިސްނަން ޖެހޭ. އުފެއްދުންތެރިކަން އިތުރުކޮށް ކެޕިޓަލަށް ކުރާ ހަރަދު އިތުރުކުރުމަށް ވިސްނަން ޖެހޭ. އޭރުން ފުދުންތެރި އިގްތިސޯދެއް އުފެއްދޭނީ. އެހެންނޫނީ ކޮންމެ އަހަރަކު ވެސް ޖެހޭނީ ވަރަށް ދަތިކޮށް ކަންތައްތައް މެނޭޖްކުރަން،" ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވި އެވެ.
ސިޔާސީ ވާހަކައެއް ދައްކާކަށް ނެތީމެވެ. ނަމަވެސް ސިޔާސީ އިސްލާހުތަކުގެ ބަދަލުގައި ސިޔާސީ މީހުންގެ އެހީގައި އިގްތިސާދީ ހެޔޮ ވިސްނުމެއް ގެންނަން ޖެހޭ ވާހަކަ ދައްކާލާނަމެވެ. ހަގީގަތުގައި ވެސް ވެރިންގެ ތެރެއިން ފެށިގެން އާންމު ރައްޔިތުންނާއި ހިސާބަށް ވެސް އިގްތިސާދީ ވިސްނުންތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހެ އެވެ. ދޫކޮށްލެވިފައިވާ އިގްތިސާދް ހިފަހައްޓަންޖެހެ އެވެ. ގައުމުގެ އިގްތިސާދު "ގިލަންވެރިކަމުން" ސަލާމަތްކުރުމަށް ހަރަދުކުޑަކުރަން މަޖުބޫރެވެ. ދައުލަތުން ދޭ މުސާރަތައް ކުޑަކުރަންޖެހެ އެވެ. ސަބްސިޑީތައް މަދުކޮށް އެއީ ކޮންމެހެން ދޭންޖެހޭ މީހުންނަށް ދެވޭ އެއްޗަކަށް ހަދަންޖެހެ އެވެ.
ޕްލޭނިންގެ ތަފާސް ހިސާބްތަކަށް ބަލާ އިރު ޖުމުލަ 275175 މީހެއްގެ ބޭސް ފަރުވާއަށް އާސަންދައިގެ ފަރާތުން ވަނީ 2012 ވަނަ އަހަރު 782126477ރ. ހަރަދުކޮށްފަ އެވެ. އެކަނިވެރި މައިންނަށް ވަނީ ދައުލަތުން 62 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މަހަކު ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ކަރަންޓް ސަބްސިޑީގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ހަރަދުވާ އިރު އެންސްޕާއިން ވަނީ ސަބްސިޑީގެ ގޮތުގައި ސްޓެލްކޯއަށް ބޮޑުއަދަދަކުން ދަރައިފަ އެވެ. ކާންބޯން ބޭނުންކުރާ ކާޑުގެ ބާވަތްތަކުން ފެށިގެން ކިޔާނެ ކަމެއް ނެތެވެ. އެތައް ސަބްސިޑީއެއް ދައުލަތުގެ ފަރާތުން ދަނީ ދެމުންނެވެ.
ސަބްސިޑީ ދިނުމުގައި ހަމަޖެހޭ އުސޫލެއް ނެތުމުން ހައްގު ނޫން ފަރާތްތަކަށް ދައުލަތުން ދަނީ ބޮޑެތި ހޭދަތަކެއް ސަބްސިޑީގެ ގޮތުގައި ކުރަމުންނެވެ. ސަބްސިޑީ ދިނުމުގައި ވެސް މުއްސަދިންނާއި ފަގީރުންނާއި ތަފާތުކުރުމެއް ނެތްކަން ފާހަގަވެ އެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބްތަކަށް ބަލާ އިރު އެކްޓިވް ވޯކް ވިސާގައި ތިބި ކޮންމެ ބިދޭސީއަކަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 2،946.96ރ. ސަރުކާރުގެ ބަޖެޓުން ސަބްސިޑައިޒް ކުރެވެ އެވެ.
"ރާއްޖޭގައި ސަބްސިޑީތައް ދިނުމުގައި މިހާރަށް ވުރެ ހަރުދަނާ ގޮތްތަކެއް ގެންގުޅެން ޖެހޭ. ރާއްޖޭގައި ސަބްސިޑީ ދެމުންދަނީ އެއަށް އެންމެ ބޭނުންވާ މީހުންނަކަށް ނޫން. އެހެންކަމުން އެކަމަށް ބަދަލުގެންނަން ޖެހޭ،" ވޯލްޑް ބޭންކް އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ އިކޮނޮމިސްޓް ކްރިތިސިރީ ރާޖަތާ ވިޖެވީރާ ވިދާޅުވި އެވެ.
ފަހަރެއްގައި ސަބްސިޑީ ކުޑަކުރާ ވާހަކަ ދެއްކުމުން އެއީ އާންމުން އެންމެ ހިތްހަމަޖެހޭ ވާހަކައަކަށް ނުވެދާނެ އެވެ. ނަމަވެސް އިގްތިސާދު ހަމަޔަކަށް އެޅުވެން އޮތީ އެމަގުން ވެސް އަމަލުކޮއްގެނެވެ. ހަރަދުތައް ކުޑަކުރުމުގައި ދިވެހިން ވިސްނަން ޖެހެ އެވެ. ފަހަށް ރައްކާކުރުން އިތުރުކުރަން ޖެހެ އެވެ. ވިސްނުންތައް ބަދަލުކުރަން ޖެހެ އެވެ. ކޮންމެ ރެއަކު ކޮފީއަށް 200ރ. ނުވަތަ 500ރ. ހަރަދުކުރެވޭ އިރު ބަލިވެގެން ޑޮކްޓަރަށް ދެއްކުމަށް އެވަރުގެ ހަރަދެއް ކުރަން ބޮޑުވެގެން ޝަކުވާ ކުރުމުގެ ބަދަލުގައި ހަގީގަތާ ކުރިމަތިލާން ޖެހެ އެވެ. ސަބްސިޑީ އިތުރު ކުރާ ނަމަ ޓެކްސް އިތުރުކުރަން ޖެހެ އެވެ. ދައުލަތުގެ އެހީއަކީ ހާލުގައި ޖެހިފައިވާ މީހުންނަށް ދޭން ޖެހޭ އެއްޗެއްކަން ދަންނަން ޖެހެ އެވެ. އެއްވެސް އެއްޗަކީ ހިލޭ ލިބޭ އެއްޗަކަށް ވެގެން ނުވާނެ އެވެ. ހިލޭ ދޭނަމަ ކަންނެތް ވެދާނެތީ އެވެ.
ހަމައެކަނި ސަބްސިޑީއެކަންޏެއް ނޫނެވެ. އެތައް ގޮތަކުން ހަރަދުތައް ބޮޑީ އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ޖުމުލަ ހަރަދަކީ 17.5 ބިލިއަން ރުފިޔާ ކަމަށްވާ އިރު އޭގެ ތެރެއިން 12.5 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. މުސާރަތައް ދިނުމަށް ކުރަން ޖެހޭ ހަރަދުތައް އިންތިހާއަށް ބޮޑުވެފައިވާ އިރު އެކަން ކުޑަކުރާކަށް ނޫޅެ އެވެ. މިނިވަން މުއައްސަސާތަކާއި ލޯކަލް ކައުންސިލް ނިޒާމަށް ކުރާ ހަރަދުތަކަކީ ވެސް ދައުލަތަށް ބޮޑު ބުރައެކެވެ. ނަމަވެސް އެކަން ކުޑަކުރަން އުޅޭ ތަނެއް ނުފެނެ އެވެ.
ގައުމުގެ އިގްތިސާދު މިއަދު ވަނީ ނޭވާހޮޅީގަ އެވެ. މި އަހަރު ނިމޭއިރު ދަރަނީގެ ނިސްބަތް ކޮންމެ ދިވެއްސެއްގެ ބޮލަކަށް 92،196 ރުފިޔާ އަށް އިތުރުވާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. ސަރުކާރުގެ ޖުމުލަ ދަރަނި 31.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. ދިވެހިން ހޭލަންވެއްޖެ އެވެ.
މިއީ މިގައުމަށް ކެތް ވާވަރެއް ނޫނެވެ. ގައުމެއްގެ ނިސްބަތުން މިގައުމަށް ލިބޭ އާމުދަނީ އަކީ ޝުކުރު ހައްގު އަދަދެކެވެ. ނަމަވެސް ހަރަދުތައް މާ ބޮޑީއެވެ. އަނގަޔާއި އަތާއި ދިމާނުވަނީ މެނޭޖް ކުރަން ނޭނގޭތީ އެވެ. ލިބޭ އެއްޗަކުން ހަރަދުތައް ކުރަންޖެހެ އެވެ. ސިޔާސީ ފިއްތުންތަކަށް ކެތް ކޮށް ސަރުކާރުން ވެސް ހަރަދު ކުޑަކުރަން ޖެހެ އެވެ. ކިތަންމެ ކުރަން ބޭނުން ނަމަވެސް ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫން ހަރަދުތައް ކުރުން ހުއްޓައިލަން ޖެހެ އެވެ.
ދާދި ފަހުން އިސްތިއުފާ ދެއްވި ކުރީގެ ގަވަރުނާ ޑރ. ފަޒީލް ނަޖީބް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައުމާ ނުބައްދަލު އޮނިގަނޑެއް މިއަދު ގައުމުގައި އޮތުމެވެ. އެގޮތުން ދައުލަތުގެ ބައެއް މުއައްސަސާތަކުގެ ހަރަދުތައް މާބޮޑު ކަމަށާއި އެހެންކަމުން އެ ހަރަދުތައް ފޫބެއްދުމަށް ފައިސާ ޖަހަން ޖެހޭކަން ފާހަގަކުރެއްވި އެވެ.
"ސެންޓްރަލް ބޭންކަކުން ކޮށްގެން ވާނެ ކަމެއް ނޫން ފައިސާ ޗާޕްކޮށްގެން ނެރުމަކީ. މިހާ އިގްތިސާދު ދެރަވަރުކޮށް އޮތް ދުވަސްވަރެއްގައި، ހާއްސަކޮށް ބޭރު ފައިސާގެ ބާޒާރުގައި އޮތް ދަތިތައް އޮތް ދުވަސްވަރެއްގައި،" ގަވަރުނަރު ވިދާޅުވި އެވެ.
އިގްތިސާދު ހަމަމަގަށް އެޅުމަށް މިހާރުން މިހާރަށް ވެސް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. ސަރުކާރަށް މުވައްޒިފުން އިތުރުކުރުމުގެ ބަދަކުގައި ޕްރައިވެޓް ސެކްޓާ ފުޅާކުރުމަށް ފުރުސަތު ދޭން ޖެހެވެ. ކޮންމެހެން އިމްޕޯޓްކުރަން ޖެހޭ ތަކެތި ނޫންތަކެތި އިމްޕޯޓް ކުރުން ހުއްޓުވަން ޖެހެ އެވެ. ރާއްޖެ އިން ޑޮލަރު ބޭރުކުރެވޭ މިންވަރު ކޮންޓްރޯލް ކުރަން ޖެހެ އެވެ. ގާނޫނުތަކަށް ބަދަލުތައް ގެނެސް ދައުލަތައް ލިބޭ އާންމްދަނީ ހޯދުމަށް އެޅިފައިވާ ހުރަސްތައް ނައްތާލަން ޖެހެ އެވެ. ގައުމުގެ އިގްތިސާދު ހަމަ މަގަށް އެޅުވެން އޮތީ ދީލަތިވެފައިވާ "މުށް" ބާރުކޮށްގެނެވެ.