ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުނަށް ކެމްޕެއިން ކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމިންގެ އިތުރުން ކުރީގެ ދެ ރައީސުން އަތޮޅުތަކަށް ވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިންޑިޔާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރޭ މާލެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކޯލިޝަން ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް އަތޮޅުތަކަށް ވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑު ބައެއް ދިމަދިމާއަށް ދަތުރުކުރާނަން. ގާސިމް ދަތުރުކޮށްދެއްވައި ސިޔާމް ދަތުރުކޮށްދެއްވައި ރައީސް މައުމޫނު ދަތުރުކޮށްދެއްވާ، ރައީސް ވަހީދު ދަތުރުކޮށްދެއްވާ، އަދި އަޅުގަނޑުމެންގެ ވަޒީރުން ވެސް ދަތުރުކޮށްދެއްވާ، ނައިބު ރައީސް ވެސް ދަތުރުކޮށްދެއްވާ. ވަރަށް އަހައްމިޔަތުކަން ދީގެން އަޅުގަނޑުމެން މި ދަތުރުތައް ކުރާނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ހިމެނޭ ކޯލިޝަންތައް އެކުވެގެން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮން ލޯންޗްކުރުން މާދަމާ ރޭ އޮންނާނެ ކަމަށެވެ. އަދި އެމަނިކުފާނު ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން އަތޮޅުތަކުގެ ބައެއް ރަށްތަކަށް ދަތުރުކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި މަހު 18 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިމެނޭ ޕާޓީތަކުގެ ފަރާތުން ކެންޑިޑޭޓުން ނިކުންނަނީ ކޯލިޝަން ތެރެއިންނެވެ.