ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގައި ދެންނެވި ކަންތައްތަކުގެ ތެރެއިން މިވަގުތަށް އެންމެ މުހިންމު ހުރިހާ ކަމެއް އިންޑިޔާ ސަރުކާރުން ހަމަޖައްސަވައި ދެއްވި ކަމަށް ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

އިންޑިޔާ ސަރުކާރުގެ ދައުވަތަކަށް ރައީސް ޔާމީން ކުރެއްވި ރަސްމީ ދަތުރުފުޅުގައި ބައިވެރިވެޑައިގެންނެވުމަށް ފަހު މާލެ ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޔާމް ވިދާޅުވީ ރައްޔިތުންނަށް ދަތިވެފައިވާ ގިނަ ކަންތައްތަކުގެ ވާހަކަ އިންޑިޔާ ސަރުކާރަށް ހުށަހެޅުއްވި ކަމަށެވެ.

"އަޅުގަނޑު ދަންނަވާލާނީ މި ދަތުރުގައި ދިވެހި ރައްޔިތުނަށް މި ވަގުތު ބޭނުންވި އެންމެހާ މުހިންމު ހުރިހާ ކަމެއް ހަމަ ބުނުއްވި ގޮތަށް އިންޑިޔާ ސަރުކާރުން އަޅުގަނޑުމެނަށް ކޮށްދެއްވިއޭ،" ސިޔާމް ވިދާޅުވި އެވެ.

ރައީސް ޔާމީން އިންޑިއާ އަށް ކުރެއްވި ހަތަރު ދުވަހުގެ ފުރަމާނަ ދަތުރުފުޅަކީ ދިވެހި ތާރީހުގައި އެންމެ ކާމިޔާބު އެއް ދަތުރުފުޅުކަން ފާހަގަކުރައްވަމުން ސިޔާމް ވިދާޅުވީ މި ސަރުކާރަށް ބޮޑެތި އެހީތެރިކަމެއް އިންޑިޔާ އިން ވުމަށް ނިންމީ މި ސަރުކާރަކީ ރައްޔިތުންގެ ލޯބި ލިބިފައިވާ ސަރުކާރަކަށް ވުމުން ކަމަށެވެ.

"އިންޑިޔާ ސަރުކާރުން އޮތީ އަޅުގަނޑުމެންގެ ރައީސް ޔާމިނާ އެކު ކުރިއަށް ދިއުމަށް. އެ ބޭފުޅުން އެހި ކޮން ކަމެއްތޯ އިތުރަށް ބޭނުން ވަނީ ވެސް،" ސިޔާމް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައްޔިތުންނަށް މިވަގުތު ދިމާވާ އެންމެ ފާހަގަކޮށްލެވޭ ދެ މައްސަލަ ކަމުގައިވާ ވިސާގެ މައްސަލަ އާއި ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލީގެ މައްސަލާގައި ވެސް އެދެވޭ ހައްލެއް ހޯދިފައިވާ ކަމަށެވެ. އޭގެ އިތުރުން އިންޑިއާ އިން ރާއްޖެ އަށް 25 މިލިއަން ޑޮލަރުގެ ސްޓޭންޑްބައި ކްރެޑިޓް ފެސިލިޓީއެއް ދިނުމަށް ނިންމާފައިވާ އިރު ބޮޑެތި އެހީތެރިކަން ދިނުމަށް އިންޑިޔާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.