12 Dec 2010, 04:57
މެކްސިކޯގެ ކާންކޫންގައި އިއްޔެ ނިމުމަކަށްއައި މޫސުމާބެހޭ އދ. ގެ ސަމިޓުން ޖައްވު ހޫނުވުމުގެ މައްސަލައާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތަކަކަށް އެންމެ ފަހުވަގުތު އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މިކަމާބެހޭގޮތުން ވާހަކަ ދައްކަވަމުން މެކްސިކޯގެ ޚާރިޖީ ވަޒީރާ ޕެޓްރީޝިޔާ އިސްޕިނޫޒާ ވިދާޅުވީ މިފިޔަވަޅުތަކަކަށް އެއްބަސްވެވުނީ ސަމިޓްގައި ބައިވެރިވި ޤައުމުތަކުގެ މަންދޫބުންގެ މެދުގައި ދެހަފްތާގެ މުއްދަތަށް ކުރިޔަށްދިޔަ އުނދަގޫ މަޝްވަރާތަކަކަށް ފަހުގައި ކަމުގައެވެ.
ކާންކޫންގައި އިއްޔެ ނިމުމަކަށްއައި މޫސުމާބެހޭ އދ. ގެ ސަމިޓުން ޖައްވު ހޫނުވުމުގެ މައްސަލައާ ދެކޮޅަށް އަޅަންޖެހޭ ބައެއް ފިޔަވަޅުތައް އެކަށައަޅައި ސަމިޓްގައި ބައިވެރިވި ޤައުމުތަކުގެ އަޣްލަބިއްޔަތު އެފާސްވި ނަމަވެސް ކުރިއަރަމުން އަންނަ ބައެއް ޤައުމުތަކުން ވަނީ މިއީ ކުރިއަރަމުންދާ ޤައުމުތަކަށް ފައިދާހުރި ނިންމުންތަކެއް ނޫންކަމަށް ސިފަކޮށްފައެވެ. ކާންކޫންގެ ސަމިޓްގެ ނިންމުންތަކުގައި، ދުނިޔޭގެ ޖައްވު ހޫނުކުރާގޭސްތައް މަދުކުރުމަށް، މިގޭސްތައް އެންމެބޮޑަށް ބޭރުކުރާ ސިނާޢީ ޤައުމުތަކުގެ ކިބައިން އެދިފައިވެއެވެ. ނަމަވެސް ސިނާޢީ ޤައުމުތަކުގެ ކިބައިން މިކަމަށް އެދިފައިވަނީ ވަރަށް ކުޑަމިންވަރަކަށް ކަމަށް ބޮލީވިޔާއާއި ތަރައްޤީވަމުން އަންނަ އެހެން ޤައުމުތައްބުނެއެވެ.
ސަތޭކަ ނުވަދިހަ ޤައުމު ބައިވެރިވި މިސަމިޓުގެ ނިންމުންތައްވަނީ ސަމިޓްގެ އެންމެފަހުގެ ޖަލްސާގެ އަޣްލަބިއްޔަތުން ފާސްކޮށްފައެވެ. މިސަމިޓްގެ އެންމެ މުހިއްމު ނިންމުންތަކުގެ ތެރޭގައި ގްރީން ކްލައިމެޓް ފަންޑްގެ ނަމުގައި ފަންޑެއް ހުޅުވުން ހިމެނެއެވެ. ޖައްވު ހޫނުކުރާ ގޭސްތައް މަދުކުރުމަށް ދުނިޔޭގެ ޤައުމުތަކަށް މަޖްބޫރުކުރުވާ ކިޔޮޓޯ މުޢާހަދާގެ މުސްތަޤްބަލާމެދުވެސް ކަންކޫންގެ ސަމިޓުގައި ޚިޔާލު ތަފާތުވެގެންދިޔައެވެ. ޚިޔާލު ތަފާތުވެފައިވަނީ ކުރިއަރާފައިވާ ޤައުމުތަކާއި ކުރިއަރަމުން އަންނަ ޤައުމުތަކާދެމެދުގައެވެ.
ކިޔޮޓޯ މުޢާހަދާގައި ކުރިއަރަމުން އަންނަ ޤައުމުތަކަށް މަޖްބޫރުކޮށްފައިވަނީ އެޤައުމުތަކުން ބޭރުކުރާ ޖައްވުހޫނުކުރާ ގޭސްތަކުގެ މިންވަރު ދެހާސް ބާރަވަނަ އަހަރާ ހަމައަށް ކުޑަކޮށްފައިބޭއްވުމަށެވެ. ކާންކޫންގެ ސަމިޓްގައި މި ދެބަސްވުންތަކާބެހޭގޮތުން ގޮތެއް ނިންމިފައެއް ނުވެއެވެ. އަދި ދެހާސް ބާރަވަނަ އަހަރަށްފަހުވެސް ކިޔޮޓޯ މުޢާހަދާއަށް ޢަމަލުކުރަމުން ގެންދިޔުމާބެހޭގޮތުން މިސަމިޓްގައި ގޮތެއް ނިންމާފައިނުވާ ކަމަށް ޚަބަރު ލިބެއެވެ. ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭސްތަކުގެ ބޮޑުބައި އުފައްދައި ބޭރުކުރަނީ ތަރައްޤީވެފައިވާ ޤައުމުތަކުން ކަމަށް ތަރައްޤީވަމުންދާ ޤައުމުތަކުން ތުހުމަތުކުރެއެވެ.