24 Mar 2010, 09:55
10:00
ހަމަޔާއި އުސޫލުން މަސައްކަތްކުރެވޭތޯ ބެލުމަށާއި، ރީތި ގޮތުގައި ކަންކަން ކުރެވޭތޯ ބެލުމަކީ ސާބިތުކަންނެތީ ކަމަށް ސަރުކާރާއި އެމްޑީޕީން ދެކިގެންނުވާނެ ކަމަށް ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ބައެއް މެންބަރުންގެ މެދުގައި ހިނގައިދިޔަ ހަމަނުޖެހުމުގައި އެމްޑީޕީގެ މެންބަރުން ޑީއާރުޕީގެ ބައެއް މެންބަރުންނަށް ހަމަލާދިން ކަމަށް ބުނެ އެކަން ކުށްވެރިކޮށް އެކަމާ ނުރުހުން ފާޅުކުރުމަށް ހެދިގޮނޑުދޮށުގައި ޑީއާރުޕީގެ ފަރާތުން ރޭ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ ވެސް މެންބަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތާއި ކަރާކާތް ސަލާމަތް ކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ޑީއާރުޕީން އޮތީ ތައްޔާރަށް ކަމަށެވެ.
މި އެއްވުމުގައި ވާހަކަ ދައްކަވަމުން ޑީއާރުޕީގެ ޑިޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، އޮޑިޓަރ ޖެނެރަލް އިބްރާހިމް ނައީމު މަގާމުން ދުރުކުރުމުގެ މައްސަލައިގެ ބަހުސް ނިމުމުން އެ ވޯޓަށް ނާހައި އެއްވެސް މީހަކަށް ރައްޔިތުންގެ މަޖިލީހުގައި އެހެން ވޯޓަކަށް އަހަން ނުކެރޭނެ ކަމަށެވެ. އަދި އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ގެކައިރިއަށާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ގެކޮޅު ކައިރިއަށް އެމްޑީޕީން އެއްވެއްޖެ ނަމަ، ޑީއާރުޕީން މުލީއާގޭ ދޮށަށް އެއްވާނެ ކަމަށް ވެސް އޭނާ އިންޒާރު ކުރެއްވި އެވެ. އަދި އެ މައްސަލައިގެ ވޯޓަށް އެހިޔަނުދީ މަޖިލިސް ޑެޑްލޮކަކަށް ގެނެސްފިނަމަ، ރައްޔިތުން ނިކުމެ މަޖިލިސް ފަށައިދޭން ޖެހޭނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހުއްޓުވަން ޖެހޭނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އޮޑިޓަރޖެނެރަލް މަގާމުން ދުރުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.