ފ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރި ފަޅާލައި އެ ތިޖޫރިން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އެ އިދާރާގެ މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ފ. އަތޮޅު ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

ފ. އަތޮޅު ކައުންސިލްގެ އިސް އޮފިޝަލަކު ވިދާޅުވީ ތިޖޫރިން ފައިސާ ވަގަށްނެގި މައްސަލައިގެ ތުހުމަތުގައި ރޭ 10:30 ހާއިރު ހައްޔަރުކޮށްފައި ވަނީ އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ފ. ނިލަންދޫ ފޮނިލުނބޯގޭ އަބްދުލްވާހިދު އަބްދުލް އަޒީޒު ކަމަށެވެ.

"ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައި ވަނީ އަތޮޅު ކައުންސިލް އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު ފ. ނިލަންދޫ ފޮނިލުނބޯގޭ އަބްދުލްވާހިދު އަބްދުލް އަޒީޒު. މިއަދުގެ ވަގުތެއްގައި އޭނާ މާލެ ގެންނަ ކަމުގެ މައުލޫމާތު ވެސް އަޅުގަނޑަށް ވަނީ ލިބިފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ މީހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީކޮޅު އެވެ. ކޯޓު އަމުރެއްގެ ދަށުން އޭރު ހައްޔަރުކޮށްފައި ވަނީ އުމުރުން 27 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 17 އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އަތޮޅު ކައުންސިލްގެ ތިޖޫރިން ބައިމިލިއަނަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާއިރު އަދިވެސް އެފައިސާތައް ފެނިފައެއް ނުވެއެވެ.