04 Jan 2014, 14:22
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)، ކުރިން ހިންގި އިންޑިއާގެ ޖީއެމްއާރު ކުންފުނިން، އެކްސިސް ބޭންކުން ނަގާފައިވާ 358 މިލިއަން ޑޮލަރުގެ ލޯނަށް ދިވެހި ސަރުކާރުން ގެރެންޓީ ދީފައި ވަނީ ގާނޫނާ ހިލާކަމަށް ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
ދިވެހި ސަރުކާރުން 2011 ވަނަ އަހަރުގެ ކުރިން ދޫކޮށްފައިވާ ލޯނު ގެރެންޓީތަކާ ގުޅިގެން އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ލޯނު ނެގުމަށް ގެރެންޓީދޭ އިރު ސަރުކާރުން އެކަން ދިރާސާކޮށް ރަނގަޅަށް ބަލަން ޖެހޭ ކަމަށާއި ނަމަވެސް ޖީއެމްއާރުން ލޯނަށް ގެރެންޓީ ދިނުމުގައި އެފަދަ ބެލުންތައް ބަލާފައިނުވާ އިރު ސަރުކާރުން ދޭ ގެރެންޓީ ސްޓޭޓްމަންޓްތަކުގައި ޖީއެމްއާރް ލޯނަށް ގެރެންޓީ ދިން ކަން ހިމަނާފައި ނުވާކަން އޮޑިޓަރުން ފާހަގަކޮށްފައިވެ އެވެ.
އެގޮތުން ޖީއެންއާރަށް ދީފައިވާ ލޯނު ގެރެންޓީ ސައްހަ ނޫން ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެ އެވެ.
އެރިޕޯޓްގައި އޮޑިޓާ ޖެނެރަލް ވަނީ ދައުލަތުން ލޯނުތަކަށް ގެރެންޓީދޭ އިރު މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން އަމަލުކުރުމަށް ލަފާއަރުވާފަ އެވެ.
އެރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި 2011 ވަނަ އަހަރުގެ ނިޔަލަށް 1.3 ބިލިއަން ރުފިޔާގެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ. އަދި އެލޯނުތަކުގެ ތެރެއިން 595.2 މިލިއަން ރުފިޔާ ނުދައްކާކަން ވެސް ފާހަކަގޮށްފައިވެ އެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތަކަށް ދީފައިވާ ލޯނު ގެރެންޓީތަކާ ގުޅޭ ލިއެކިއުންތައް ފެންނަން ނަތް ކަމަށް ވެސް އެ ރިޕޯޓްގައި ބުނެފައިވެ އެވެ.