މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުން އަތުން ފައިސާ ހޯދަމުންދާ މައްސަލަތައް ތަކުރާރުކޮށް ހުށަހަޅަމުންދާ ކަމަށާއި އެކަމަށް ރައްޔިތުން ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.

އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހް ވިދާޅުވީ އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލަތައް ތަކުރާރުކޮށް ހުށަހެޅުމުންދިޔުމާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި އެކަމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުންއައި ހަ މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

"މިހާރަކަށް އައިސް އެކި ނަމްބަރުތަކުން މީހުންނަށް ގުޅައި ވިޔަފާރިއެއްގެ މަންފާ އޮތްކަމަށް ދައްކައިގެން އޮޅުވާލައިގެން މީހުންގެ އަތުން ގިނަ އަދަދަކަށް ފައިސާ ހޯދަމުންދާ މައްސަލަތަކެއް ވޭތުވެ ދިޔަ ހަފްތާގެ ތެރޭގައި ހުށަހެޅިފައިވޭ. އަދި ވޭތުވެ ދިޔަ ހަފުތާގައި ފުލުހުންގެ ބެލުމުގެ ދަށަށް ހަ މީހުންގެ އިތުރުން އެކަމުގައި ޝާމިލްވާ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދޭ،" ޝަތީހް ވިދާޅުވި އެވެ.

ފުލުހުންނަށް ހުށަހަޅާފައިވާ މައްސަތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ޝަތީހް ވިދާޅުވީ ތަފާތު އެކި ނަމްބަރުތަކުން ގުޅައި އެ މީހުންނަކީ ރާއްޖެއާ ބެހޭ ގޮތުން ޑޮކިއުމެންޓްރީއެއް ހަދަން އައިސްއުޅޭ ބޭރުގެ ބަޔަކާ ގުޅިގެން މަސައްކަތްކުރާ ބައެއްކަމަށް ބުނެ އެމީހުންގެ މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ހިދުމަތް ފޯރުކޮށްދީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ނަމަ ގިނަ އަދަދެއްގެ ފައިސާ ލިބޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދަމުންދާ ކަމަށެވެ.

މީގެ އިތުރުން ބައެއް މީހުންނަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރަމުންދާ ބަޔަކަށް ވެގެން އެމީހުން ފޯނުކުރުމަށް ޓަކައި އެމީހުންގެ ފޯނު ރީޗާޖް ކޮށްދިނުމަށް އެދޭ ކަމަށާއި އަދި އެގޮތުން ކުރެވޭ މުއާމަލާތްތަކުގައި ފައިސާގެ ބަދަލުގައި ޑޮލަރު އެމީހުންނަށް ފަހުން ލިބޭނެ ކަމަށް ދައްކައިގެންކަން އުޅޭ ކަމަށް ވެސް ޝަތީހް ވިދާޅުވި އެވެ.

ޝަތީހް ވިދާޅުވީ އެފަދަ ފޯންކޯލްތަކަށް އާއްމު ރައްޔިތުން ވަރަށް ބޮޑަށް ސަމާލުވެ އެފަދަ ކަމަކަށް ޝައްކުރެކުވޭ މުއާމަލާތެއް ހިނގާ ނަމަ ލަސްނުކުރައްވާ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް އެދިލައްވާ ކަމަށެވެ. އަދި ގޮތް ނޭނގޭ އެއްވެސް ފަރާތަކުން ފޯނުން ގުޅައިގެން ފައިސާގެ މުއާމަލާތެއް ހިންގަން އެދޭ ނަމަ އެފަދަ ގޮތަކަށް އެއްވެސް ފައިސާގެ މުއާމަލާތެއް ނުހިންގުމަށާއި އެފަދަ މުއާމަލާތެއްގައި އެއްވެސް ގޮތަކުން ބައިވެރިނުވުމަށް ވެސް ޝަތީހް އިލްތިމާސްކުރެއްވި އެވެ.