މިދިޔަ މަހުގެ ތެރޭގައި ހުޅުމާލޭ ރޯހައުސްތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ރޯހައުސްތަކުގައި ދިރިއުޅޭ އާއިލާތަކުގެ ތެރެއިން ހާލުގައި ޖެހިގެން އެހެން ފްލެޓްތަކަށް ބަދަލު ކުރި ހަތަރު އާއިލާއެއް އެމީހުން ކުރިން އުޅުނު ރޯހައުސްތަކަށް މަރާމާތަށް ފަހު ބަދަލުކޮށްފި އެވެ.

ހުޅުމާލެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު މިއަދު ސަން އަށް ވިދާޅުވީ ހުޅުމާލޭ ރޯހައުސްތަކުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު 12 އާއިލާއަކަށް ވެށިފަހި މާލެ ޕްރޮޖެކްޓުގެ ދަށުން ހަވާލު ނުކުރެވި ހުރި ފްލެޓުތަކަށް ވަގުތީ ގޮތުން ބަދަލުކުރުމަށް ފަހު، އެންމެ ކުޑަކޮށް ގެއްލުން ލިބުނު ރޯހައުސްތައް މަރާމާތު ކުރުމަށް ފަހު ހަތަރު އާއިލާއެއް އެތަންތަނަށް އިއްޔެގެ ނިޔަލަށް ބަދަލުވެފައިވާ ކަމަށެވެ.

"ވަގުތީ ފްލެޓްތަކުގައި ތިބީ 12 އާއިލާއެއް. އެގޮތުން މަށި ރޯހައުސް 1-8ގެ އެންމެ ތިރީ ބުރިއަށް ލިބިފައި ހުރި ގެއްލުންތައް މަރާމާތު ކުރުމަށް ފަހު އޭގެ ތެރެއިން ހަތަރު އާއިލާއެއް މި ބަދަލުކުރެވުނީ. އަދި ދެން ރޯވި ރޯހައުސްތައް މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ބައިތައް މަރާމާތު ކޮށްދޭނެ ބަޔަކު ހޯދުމަށް މިދިޔަ ހޯމަ ދުވަހު ހުޅުވާލުމުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ ފަރާތަކުން އަގު ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން އަގު ހުށަހެޅި ދެ ފަރާތުން ވެސް އެތަން ނިންމުމަށް ބުނެފައި ވަނީ ދެ މަސް ދުވަހުގެ ތެރޭގައި ކަމުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު ހަފްތާއެއްގެ ތެރޭގައި އޭގެ ތެރެއިން ބަޔަކާ މަސައްކަތް ހަވާލުކޮށް، ވީއެންމެ އަވަހަކަށް އެތަންތަން މަރާމާތު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލެގައި ހުންނަ ރޯހައުސްތަކެއްގައި މިދިޔަ މަހު 27ގައި ހިނގި އެ އަލިފާނުގެ އާދިސާގައި ރޯހައުސް "މަށި1، މަށި2، މަށި3، މަށި4 އަދި މަށި 5،ގެ ތިން ވަނަ ފަންގިފިލާގައި ރޯވެ، އެތަންތަނުގައި ހުރި އެއްޗެއްހި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ރޯހައުސްތަކުގައި ދިރިއުޅުނު މީހުން ބުނަނީ އެތަނުގައި އަލިފާން ރޯވެފައި ވަނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް ފުލުހުން އަންނަނީ އެ ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުންނެވެ.