04 Jan 2014, 12:53
މި މަހުގެ 18 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ލިސްޓު އާންމު ކުރުމަށްފަހު އޭގައި މައްސަލައެއް އުޅޭނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ވެފައިވާ ފޮށީގެ މައުލޫމާތު އެ ކޮމިޝަންގެ ވެބްސައިޓުންނާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކުން ޗެކްކުރެވޭނެ ކަމަށެވެ.
ވެބްސައިޓާއި ކައުންސިލް އިދާރާ މެދުވެރިކޮށް ރަޖިސްޓްރީ ވެފައިވާ ފޮށީގެ މައުލޫމާތު ޗެކްކުރަން ދަތިފުޅުވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށާއި ހިލޭ ގުޅޭ ނަންބަރު 1414 އަށް ގުޅައި މައުލޫމާތު ސާފުކުރެވޭނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ޝަކުވާ ހުށަހަޅަންޖެހޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމުން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު ހެނދުނު 9:00 އިން މެންދުރު ފަހު 3:00 އަށާއި އަދި މާދަމާ ހެނދުނު 9:00 އިން މެންދުރު 12:00އާ ހަމައަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަތޮޅުތެރެއިން ނަމަ ފޯމް ބަލައިގަންނާނީ ކައުންސިލް އިދާރާތަކުން ކަމަށާއި ރާއްޖެއިން ބޭރުގައި ނަމަ ޑިޕޮލޮމެޓިކް އޮފީސްތަކުންނާއި އެ ކޮމިޝަންގެ ރަޖިސްޓްރޭޝަނާ ބެހޭ މައި މަރުކަޒުން ފޯމް ބަލައިގަންނާނެ ކަމަށެވެ.