04 Jan 2014, 12:37
ފުލުހުންނަށް ފިލަން އުޅުނު މީހަކު ގެއެއްގެ ހަ ވަނަ ފަންގިފިލާއިން ވެއްޓި އަނިޔާ ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ގ. ޔޫލިން ގޭގެ ހަ ވަނަ ފަންގިފިލާ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރަން ދިޔުމުން އެ އެޕާޓްމަންޓުގައި ދިރިއުޅޭ 26 އަހަރުގެ ފިރިހެނަކު ފުލުހުންނަށް ފިލަންވެގެން ކުޑަދޮރުން ފޭބިވަގުތު އިމާރާތުގެ ބޭރުގައި ހަރުކޮށްފަ ހުރި އޭސީ އައުޓް ޑޯ ޔުނިޓް ގެ މައްޗަށް އެރުމުން އޭތި ބިންދައިގެން ގޮސް ދެ އިމާރާތު ދޭތެރެއަށް ވެއްޓިފައިވާ ކަމަށެވެ.
މަންޒަރު ދުށް މީހުން ބުނީ "ހަނި" ދޭތެރެއަކަށް އެމީހާ ވެއްޓިފައިވާތީ އޭނާ އެތަނުން ނަގާފައި ވަނީ އެމްއެންޑީއެފްގެ ރެސްކިއު ޓީމަކުން ކަމަށެވެ.
ހަ ވަނަ ފަންގިފިލާއިން ވެއްޓުމުގެ ސަބަބުން އެމީހާގެ ގައިގެ އެކި ތަންތަން ވަރަށް ބޮޑަށް މަށައިގެން ގޮސްފައިވާ ކަމަށާއި މިހާރު އޭނާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ.