04 Jan 2014, 11:42
އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން މެންޗެސްޓާ ޔުނައިޓެޑަށް ޖާގައެއް ނުލިބިއްޖެ ނަމަ އެޓީމުގެ އިންގްލެންޑް ފޯވާޑް ވޭން ރޫނީ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ނުކޮށްފާނެ ކަމުގެ ބިރު އޮތްކަމަށް ޔުނައިޓެޑްގެ ކޯޗް ޑޭވިޑް މޮއެސް ބުނެފި އެވެ.
މިއަހަރުގެ ސަމާ ޓްރާންސްފާގައި ހަފްތާއަކު 250،000 ޕައުންޑުގެ ފީއަކަށް ޔުނައިޓެޑާއެކު ކޮންޓްރެކްޓް އާކޮށްފައިވާ އުމުރުން 28 އަހަރުގެ ރޫނީ، ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓްގެ ފަހު އަހަރު އަންނަ ސަމާޓްރާންސްފާގައި ގުނަން ފަށާނެ އެވެ.
އާއަހަރުގެ ފުރަތަމަ ދުވަހު ޓޮޓެންހަމް އަތުން ބަލިވެ ލީގު ތާވަލުގެ ހަތްވަނައަށް ޔުނައިޓެޑް ވެއްޓިފައިވާއިރު ހުކުރު ދުވަހު މޮއެސް ބުނެފައިވަނީ ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ޔުނައިޓެޑަށް ޖާގަ ނުލިބިއްޖެ ނަމަ ރޫނީ ޔުނައިޓެޑްގައި މަޑު ނުކޮށްފާނެ ކަމަށެވެ. އަދި ހަމަ އެހެންމެ ނިމިދިޔަ ޓްރާންސްފާގައި ޗެލްސީ އިން ރޫނީ ގެންދަން 30 މިލިއަން ޕައުންޑުގެ ބިޑެއް ކޮށްފައިވާއިރު ރޫނީ ކްލަބް ދޫކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
"އަދި މިހާރު މިއޮތް ހާލަތުގައި އެފަދަ ގޮތެއް ދިމާވެއްޖެ ނަމަ ކަންތައް ވާނެ ގޮތެއްބަލަން ތިބެން ޖެހޭނީ،" ރޫނީއާ ބެހޭގޮތުން މޮއެސް ބުންޏެވެ.
މެންޗެސްޓާ ޔުނައިޓެޑްގައި ރޫނީ މިހާރު ކުޅެމުން ދަނީ ހިތްހަމަ ޖެހިގެންތޯ ސުވާލުކުރުމުން މޮއެސް ބުނީ "އަހަންނަށް ހީވަނީ އޭނަގެ ފަރާތުން ފެންނަ ކުޅުމަށް ބަލާނަމަ މިހާރު ފެނިގެން ދަނީ އޭނާގެ އެންމެ ރަނގަޅު ކުޅުން،" ކަމަށެވެ.
ރޫނީގެ ކޮންޓްރެކްޓް އާކުރުމުގެ ވާހަކަތައް ފަށަން ޔުނައިޓެޑުން ތައްޔާރުވެފައިވީ ނަމަވެސް ރޫނީ ބުނެފައިވަނީ، އެއްބަސްވުން އާކުރުމާ ބެހޭގޮތުން އޭނާ ގޮތެއް ނިންމަން ބޭނުންވަނީ ވޯލްޑްކަޕްގެ ފަހުން ކަމަށެވެ.