ޖަލުތަކުގައި ތިބޭ ގައިދީން ލޭބަރުންގެ ގޮތުގައި މަސައްކަތްތަކަށް ނެރުމަށް ސަރުކާރުން ފަށާ ޕްރޮގުރާމްގެ ދަށުން ފުރަތަމަ 50 ގައިދީއަކު ތިލަފުށީގެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރުމަށް ނެރެން ނިންމައިފި އެވެ.

ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ހާނިމް ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ މަސައްކަތުގެ ދާއިރާ އަށް 50 ގައިދީއަކު ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނެރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. މަސައްކަތްތަކަށް ނެރޭނީ މަސައްކަތަށް ނިކުތުމަށް އަމިއްލައަށް ޝައުގުވެރިވާ ގައިދީންގެ ތެރެއިން އަހްލާގް ރަނގަޅު ގައިދީން ކަމަށް ހާނިމް ފާހަގަ ކުރެއްވި އެވެ.

"ބިދޭސީން މިކުރާ މަސައްކަތްތަކަށް ގައިދީން ނެރުމުގެ ސަބަބުން ބިދޭސީންގެ ބަދަލުގައި ގައިދީން ނެރުމުން އިގުތިސާދަށް ވެސް ވަރަށް ބޮޑު ފައިދާއެއް އެބަ ކުރޭ. އޭގެ އިތުރުން ގައިދީންނަށް ފުރުސަތު އެބަ ލިބޭ އޭނާ ބަލަން ޖެހޭ މީހުނަށް މާލީ ގޮތުން އެހީވުމުގެ ފުރުސަތު ވެސް،" ހާނިމް ވިދާޅުވި އެވެ.

ޕްރޮޖެކްޓްތަކަށް ގައިދީން މަސައްކަތްކުރަމުން ދާނީ ޖަލުތަކުގެ ސެކިއުރިޓީ އޮފިސަރުންގެ ބެލުމުގެ ދަށުން ކަމަށް ހާނިމް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ޖަލުތަކުގައި ތިބި ޒުވާނުންނަށް މަސައްކަތުގެ މައިދާނުން ފުރުސަތު ދިނުމަކީ މި ސަރުކާރުގެ އެއް އަމާޒު ކަމަށެވެ. ބިދޭސީންގެ ބަދަލުގައި ގައިދީން މަސައްކަތްތަކަށް ނެރުމަށް ފަހު އެ މީހުނަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބައި ދައުލަތަށް ނަގާނެ ކަމަށާއި އެ ފައިސާ ބޭނުން ކުރަނީ ޖަލުތަކުގެ އެކި މަސައްކަތަކަށާއި އެކި ޕްރޮގުރާމްތައް ހިންގުމަށް ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.

މި އަހަރު ނިމޭ އިރު 400 ގައިދީން ހިމެނިގެންދާނީ ރާއްޖޭގެ މަސައްކަތު މީހުންގެ އާބާދީގައި ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.