12 Dec 2010, 04:53
އޯޕެކުން އުފައްދާ ތެލުގެ މިންވަރު މިދުވަސްވަރު އިތުރުކުރަން ރޭވިފައިނުވާ ކަމަށް އެއޮގަނައިޒޭޝަނުން ބުނެފިއެވެ. އިކުއެޑޯރގައި ދެއްވި ބަޔާނެއްގައި އޯޕެކްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުﷲ އަލްބަދްރީ ވިދާޅުވީ ތެޔޮފީފާއެއްގެއަގު ސަތޭކަ ޑޮލަރަށް މައްޗަށް ދިޔަސް އޯޕެކުން އުފައްދާ ތެލުގެ މިންވަރަށް ބަދަލެއް ގެންނަން އަދި ނުވިސްނާކަމުގައެވެ. އޭނާ މިބަޔާން ދެއްވާފައިވަނީ ވިއެނާގައި އިއްޔެ ބޭއްވި އޯޕެކްގެ ބައްދަލުވުމުގެ ކުރިންނެވެ. މިބައްދަލުވުމުގައި ތެލުގެ ސަޕްލައި އިތުރުކުރުމާބެހޭގޮތުން މަޝްވަރާކުރެވުނު ނަމަވެސް މިކަންކުރުމަށް ނިންމާފައެއްނުވެއެވެ. މިބައްދަލުވުމަށްފަހު ދެއްވި ބަޔާނެއްގައި ސައޫދީ ތެލާބެހޭ ވަޒީރު ޢަލީ އައްނުޢައިމީވެސް ވިދާޅުވީ ތެޔޮ ފީފާއެއް ސަތޭކަ ޑޮލަރަށް އެރިނަމަވެސް އޯޕެކުން އުފައްދާ ތެލުގެ މިންވަރު މަތިކުރަން އަދި ހަމަޖެހިފައިނެތްކަމުގައެވެ.
ވޭތުވެދިޔަ ހަފްތާގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ފީފާއަކަށް ނުވަދިހަ ދެ ޑޮލަރަށް މައްޗަށް ދިޔައެވެ. ނަމަވެސް އެއަށްފަހު މިހާރުވަނީ ފީފާއެއްގެ އަގު ނުވަދިހަ ޑޮލަރަށް ތިރިވެފައެވެ. މިދުވަސްވަރަކީ ޔޯރަޕްގެ ގިނަ ޤައުމުތަކަށާއި އެމެރިކާއާއި ކެނެޑާގެ ބައެއް ހިސާބުތަކަށް އާދަޔާ ޚިލާފަށް ފިނިވެ ބޯކޮށް ސްނޯވެހެމުންދާ ދުވަސްވަރެކެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔައީ ތެލުގެ ޑިމާންޑް މަތިވެ ސަޕްލައި ދަށްވެގެން ނޫންކަމަށާ މިހެންދިމާވީ ތެލުގެ ވިޔަފާރީގެ މުޢާމަލާތްތަކެއް ކުރެވުނު ގޮތްތަކަކާ ގުޅިގެން ކަމަށް ޚަބަރުތައްބުނެއެވެ.