04 Jan 2014, 10:11
ނިއު ދިއްލީ (3 ޑިސެމްބަރު) – އިންޑިއާ ކަނޑުގެ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އަމާންކަމާއި ސަލާމަތްކަން ގާއިމް ކުރުމަށް ދިވެހި ރާއްޖެ އާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަށްވަން ބޭނުންފުޅު ކަމަށް އިންޑިއާގެ ރައީސް ޕްރަނާބް މުކެރްޖީ ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ރައީސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާ އެކު ބުރާސްފަތި ދުވަހު ކުރިއަށް ގެންދެވި ވާހަކަފުޅުތަކަށް ފަހު ރާޝްތުރަޕަތީ ބަވަން (އިންޑިއާގެ ރައީސްގެ ގެކޮޅު) އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ރައީސްކަމާ ހަވާލުވެވެޑައިގެންނެވުމަށް ފަހު ގައުމުން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމަށް ޔާމީން ނިންމެވުމުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުމަށް ރާއްޖެ އިން އިސްކަންދޭ މިންވަރު ހާމަވެގެންދާ ކަމަށެވެ.
"އިންޑިއާ އިން ބޭނުންވޭ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އަމާންކަން ގާއިމް ކުރުމަށް ރާއްޖެއާއި އަދި ވެސް އެއް ވިސްނުމެއްގައި މަސައްކަތްކުރާ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަން. މިކަމުގައި ރާއްޖެ އާއި އިންޑިއާއަކީ ގުދުރަތީ ގޮތުން ގުޅިފައިވާ ދެ ބައިވެރިން،" ޕްރަނާބް ވިދާޅުވި އެވެ. "ދެގައުމު ގުޅިގެން ކަނޑުގެ ސަރަހައްދު ހިމާޔަތްކުރުމާ ބެހޭ ގޮތުން އިތުރަށް ހޭލުންތެރި ކުރުވުމާއި އަދި ސަރައްދު މޮނިޓާ ކުރުމުގައި ދެގައުމުގެ އެއްބަޔަކު އަނެއްބަޔަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވިދާނެ."
ދެގައުމުގެ ދެމެދުގައިވާ ސަލާމަތީ އެއްބާރުލުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އިންޑިއާގެ ރައީސް ވިދާޅުވެފައި ވަނީ، ކަނޑުފޭރުމާއި ވަގަށްތަކެތި އެތެރެކުރުމާއި ސިޔާސީ ގޮތުންނާއި ދީނީ ކަންކަމުގައި ހިޔާލުތަފާތުވުން އުފެދުމުގެ މައްސަލައަކީ ދެގައުމަށް ވެސް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކެއް ކަމަށެވެ.
"މިފަދަ ކަންކަމުގައި ކޮންމެހެން ބޭނުވާ ހޭލުންތެރިކަން އުފެއްދުމާއި އަދި ރާއްޖެއަށް ސަލާމަތީ ގޮތުންނާއި އަދި އެހެނިހެން ކަންކަމުގައި ވެސް އެއްބާރުލުން ދިނުމަށް އިންޑިއާ އޮންނާނީ އަބަދުވެސް ތައްޔާރަށް،" އިންޑިއާގެ ރައީސް ވިދާޅުވި އެވެ.
އިންޑިއާގެ ރައީސް ވިދާޅުވީ އެ ގައުމުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެނީ އުފަލާއެކު ކަމަށާއި އަދި ކުރިއަށް އޮތްތާނގައި ވެސް އެގޮތުގައި ދެމި ތިބޭނޭ ކަމަށެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ ހަމަޖެހުމާއި ސިޔާދަތާއި އިސްގުލާލު ގާއިމް ވެފައި އޮތުމާއި އަދި ރައްޔިތުންނަށް ހަމަޖެހޭ އަމާން، އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.
އިންޑިއާގެ ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރިޔާސީ އިންތިހާބު އޮމާންކަމާ އެކު ނިމި، ބާރުތައް ހަވާލުކުރުމުގެ މަރުހަލާ ގެންގޮސްފައިވާލެއް ފުރިހަމަކަން ރަމްޒުކޮށްދެނީ ރާއްޖޭގެ ޑިމޮކްރަސީ ފައްކާވަމުންދާ ކަމުގެ ހެކިތައް ކަމަށެވެ. އަދި އިންތިހާބު ކުރިއަށް ގެންދިއުމަށް ސިޔާސީ ފަރާތްތަކުން ދެއްވާފައިވާ އެހީތެރިކަމަށް ތައުރީފް ކުރައްވާ ކަމަށް ވެސް އިންޑިއާގެ ރައީސް ވިދާޅުވި އެވެ.