04 Jan 2014, 09:55
ވޮޝިންޓަން (ޖަނަވަރީ 4): ދުނިޔެއަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ހާސިލްކުރަނީ ދުނިޔޭގެ މުއްސަނދިންގެ ތެރެއިން ތިން އިންސައްތަ މީހުންކަން މިކަމާ ބެހޭ ގޮތުންކުރި ސާވޭއަކުން ހާމަވެއްޖެ އެވެ.
އެމެރިކާގެ މަޝްހޫރު ގްލޯބް ފައުންޑޭޝަނުން ކުރި ސާވޭއަކުން ހާމަވާގޮތުން މުޅި ދުނިޔެއަށްބަލާ އިރު ދުނިޔޭގެ ހުރިހާ ރައްޔިތުންނަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ދަނީ ދުނިޔޭގެ މުއްސަނދިންގެ ތެރޭގައި ހިމެނޭ އެންމެ މުއްސަނދި ތިން އިންސައްތަ މީހުންގެ ޖީބުތަކަށެވެ. މިއީ ބިލިޔަނަރުންގެ ވެސް ބިލިޔަނަރުން ކަމަށްވެ އެވެ.
އެފްރިކާއާއި ލެޓިން އެމެރިކާއާއި އޭޝިޔާގެ ފަގީރުގައުމުތަކަށްބަލާ އިރު އޭގެތެރެއިން ބައެއް ގައުމުތަކުގެ ގައުމީ އާމްދަނީގެ 54 އިންސައްތަ ވަންނަނީ އެންމެ މުއްސަނދި ތިން އިންސައްތަ މީހުންގެ ތެރޭގައި ހިމެނޭ މަހުޖަނުންގެ ޖީބުތަކަށެވެ. މި ސާވޭއަށް ބަލާ އިރު ޗައިނާއާއި އިރުމަތީ އޭޝިޔާގެ ގައުމުތަކުގައި ވެސް އަހަރުން އަހަރަށް ދަނީ މުއްސަނދިން މުއްސަނދިވެ ފަގީރުންނާއި މުއްސަނދީންގެ ތަފާތު ބޮޑުވަމުންނެވެ. ނަމަވެސް އިރުމަތީ އޭޝިޔާއާއި ޗައިނާގައި އެބްޒަލުޓް ޕަވަރޓީ ނުވަތަ އާދަޔާ ޚިލާފު ފަގީރު ހާލަތުއި އުޅެންޖެހިފައިވާ މީހުންގެ ނިސްބަތް ދަށްވެ މެދުފަންތީގެ މީހުންގެ ނިސްބަތްދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ސަބްސަހަރަން އެފްރިކާގެ ގައުމުތަކަށް ބަލާއިރު އެގައުމުތަކުގެ 20 އިންސައްތަ އާމްދަނީ ފަގީރުންގެ 63 އިންސައްތަ މީހުންނަށް ލިބޭއިރު 20 އިންސައްތަ އާމްދަނީ މުއްސަނދިންގެ އެންމެ ދެ އިންސައްތަ މީހުންގެ ޖީބުތަކަށް ވަދެ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުގެތެރޭގައި ހިމެނޭ އެމެރިކާއާއި ކެނެޑާ އަށް ބަލާއިރު އެދެގައުމުގެ 20 އިންސައްތަ އާމްދަނީ ހާސިލްކުރަނީ މުއްސަނދިންގެ ހަތަރު އިންސައްތަ މީހުންނެވެ. އަދި ފަގީރުންގެ ތެރޭގައި ހިމެނޭ 54 އިންސައްތަ މީހުންނަށްވެސް ލިބެނީ 20 އިންސައްތައިގެ އާމްދަނީއެކެވެ. މި ސާވޭގައި އެރާ މާޖިންގެ މިންވަރު އުޅޭކަމަށް ބެލެވެނީ 1.4 އާއި 4.7ގެ މިންވަރެއް ކަމަށް ވެސް ގްލޯބް ފައުންޑޭޝަނުން ބުނެ އެވެ. (އޭސޯސިއޭޓެޑް ޕްރެސް)