04 Jan 2014, 09:48
ރާމަﷲ (ޖަނަވަރީ) އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިޔަށްދާ ސުލްޙައިގެ ވާހަކަތަކުން ނަތީޖާއެއް ނެރުމަށް ބާރުއެޅުއްވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްއާ ރާމަﷲގައި ބައްދަލުކުރައްވައިފި އެވެ.
ކެރީ، މަޙްމޫދު ޢައްބާސްއާ ބައްދަލުކުރައްވާފައި މި ވަނީ އެމެރިކާގެ ބެލުމުގެ ދަށުން ކުރިޔަށްދާ އިސްރާއީލާއި ފަލަސްތީނުގެ ސުލްޙައިގެ ވާހަކަތަކުގައި އިސްރާއީލުގެ ކޮޅަށްޖެހި ހުސްވެފައިވާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވެމުންދާ ދަނޑިވަޅެއްގަ އެވެ. ދެ ބޭފުޅުން ބައްދަލުކުރައްވަމުން ދިޔައިރު ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ރާމަﷲގައި ދިޔައީ އެމެރިކާގެ މަކަރުވެރިކަމާއި އިސްރާއީލުން ހިންގާ އިންސާނީ ހައްޤުތަކާ ޚިލާފު އަނިޔާވެރި އަމަލުތަކާ މެދު އެމެރިކާ އަޅާނުލާ މައްސަލާގައި އެމެރިކާއާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. ކެރީގެ މިދަތުރުފުޅުގައި އިއްޔެ އޭނާ ވަނީ ހިފަފައިވާ ގުދްސުގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާ ބައްދަލުކުރައްވާފަ އެވެ.
އިސްރާއީލާއި ފަލަސްތީނާ ދެމެދު ދެކެވެމުންދާ ސުލްޙައިގެ ވާހަކަތަކަށް ހަ މަސްވެފައިވާ އިރު އެ ވާހަކަތަކުން ނަތީޖާއެއް ނެރުމަށް އެޅިފައިވާ އެންމެ ބޮޑުހުރަހަކީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫ ޢެވެ. ފަލަސްތީނުން ވަނީ އިސްރާއީލުގެ އިސްތިޢުމާރީ މަޝްރޫއެއް ކަމަށްވާ ޔަހޫދީން ވަޒަންވެރި ކުރުވުމުގެ މަޝްރޫޢު ހުއްޓުވުމާމެދު ގޮތެއް ނިންމުމަށް އެމެރިކާ އަށް ގޮވާލާފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީގެ މިދަތުރުފުޅުގެ ބޭނުމަކީ ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ ވާހަކަތައް އަންނަ އެޕްރީލްމަހު ނިންމާލުމަށް ހަމަޖެހިފައިވާ އިރު އޭގެ ކުރިން އެ ވާހަކަތައް ނަތީޖާއަކާ ހަމައަށް ގެންދިޔުމަށް ބާރުއެޅުއްވުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކެރީގެ މިދަތުރުފުޅަކީ އެމެރިކާގެ ޚާރިޖީ ވަޒީރުކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އޭނާ މެދުއިރުމައްޗަށް ކުރައްވާ 12 ވަނަ ދަތުރުފުޅެވެ. (އަލްޖަޒީރާ)