ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ 49 ވަނަ ގައުމީ ކްރިކެޓް މުބާރާތުގެ ދެވަނަ މެޗުގެ ފުރަތަމަ ދުވަހުގެ ކުޅުން ނިންމައިލިއިރު އެމްއެސް އެކަޑަމީއާ ވާދަކޮށް ކުރީގައި އޮތީ ވެސްޓް ސްޕޯޓްސް ކްލަބެވެ.

ޓޮސް ދިމާވުމުން ވެސްޓް ސްޕޯޓްސް އިން ކުޅެން އަރައި 55 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 146 ލަނޑު ހެދިއެވެ. މި އިނިންގްސް ގައި އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ، 55 ލަނޑު ހެދި ޝަފްރާޒް ޖަލީލުއާއި 23 ލަނޑު ހެދި ރޯޝަން އެވެ. އެމްއެސް އެކަޑަމީ ޓީމުން އެންމެ ރަނގަޅަށް އުކީ 11 އޯވަރު ތެރޭގައި 19 ލަނޑަށް ދެ ވިކެޓް ނެގި އިސްމާއީލް އަލީ އާޢި 3.3 އޯވަރު ހަތަރު ލަނޑަށް ތިން ވިކެޓް ނެގި މުއާވިޔަތު އަބްދުލްޣަނީ އެވެ.

އެމްއެސް އެކަޑަމީ ކުޅެން އަރައި ދުވަހުގެ ކުޅުން ނިމުނުއިރު 44 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 136 ލަނޑު ހެދިއެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 47 ލަނޑު ހެދި އިސްމާއީލް އަލީއާއި 40 ލަނޑު ހެދި މުއާވިޔަތު އެވެ. ވެސްޓް ސްޕޯޓްސް ކްލަބުން އެންމެ ރަނގަޅަށް އުކީ ނުވަ އޯވަރުގެ ތެރޭގައި ހަ ލަނޑަށް ދެ ވިކެޓް ނެގި އަލީ ތޯލިބު އެވެ.

މެޗުގެ ފުރަތަމަ ދުވަހުގެ ކުޅުން ނިމުނުއިރު ކުޅެން ތިބީ އެމްއެސް އެކަޑަމީ ޓީމަށް ހަ ލަނޑު ހަދައިދިން މުހައްމަދު ސާފީ އާއި އެޓީމަށް 10 ލަނޑު ހަދައިދިން އިބްރާހީމް ނަސާތު އެވެ.

މެޗުގެ ދެވަނަ ދުވަހުގެ ކުޅުން މިއަދު ހެނދުނު 9:30 އިން ފެށިގެން ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި ކުރިއަށް ދާނެއެވެ.