ސަރުކާރު ހިންގާ ޕީޕީއެމަށް ގިނަ ބަޔަކު މިރޭ ސޮއިކޮށްފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ޕާޓީއަށް ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ އާއި ޑީއާރްޕީގެ ކުރީގެ ނާއިބް ލީޑަރު މުހައްމަދު ސަލީމް (ހޯރަފުށީ ސަލީމް) އާއި މަޝްހޫރު ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ ޕީޕީއެމް އުފެއްދީ ގައުމަށް ކުރިއެރުން ހޯދުމުގެ މަގުސަދުގައި ކަމަށާއި ތަފާތު އެކި ދާއިރާތަކުގެ ބޭފުޅުން އެ ޕާޓީއާ ގުޅިވަޑައިގަތުމަކީ ގައުމަށް ތަރައްގީ ގެނައުމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޑީއާރްޕީގެ ކުރީގެ ނާއިބް ރައީސް ހޯރަފުށީ ސަލީމް ވިދާޅުވީ އޭނާ ޕީޕީއެމާ ގުޅިވަޑައިގަތީ އެޕާޓީއާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ދެމިހުންނެވުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ ކުރިއަށް ހުރި އިންތިޚާބުތައް ޕީޕީއެމަށް ކާމިޔާބު ކޮށްދިނުމަށާއި އަދި އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ގއ. ކޮލަމާފުއްޓާއި ވިލިނގިލީގެ އިތުރުން ގދ. މަޑަވެލީގެ ޒުވާނުންތަކެއް ވެސް ވަނީ ޕީޕީއެމަށް ސޮއިކޮށްފަ އެވެ.

ސޮއިކުރި މީހުންގެ ތެރޭގައި ގއ. ވިލިނގިލީގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު ފަރާތެއް ކަމަށްވާ އެރަށު ކިނބިގަސްދޮށުގޭ އަހްމަދު ހަކީމް ވެސް ހިމެނެ އެވެ.

ސޮއިކުރުމަށްފަހު ހުރިހާ ފަރާތްތަކުން ވެސް ވަނީ މެމްބާޝިޕް ފޯމް ޕީޕީއެމްގެ ރައީސް މައުމޫނާ ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ތަމްސީލް ކުރައްވާ ބައެއް މެމްބަރުންނާއި ސަރުކާރުގެ ބައެއް ވުޒާރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.