03 Jan 2014, 22:54
މި އަހަރުގެ ހޫނު މޫސުމުގައި އިންޑިއާގައި ބާއްވާ އާއްމު އިންތިޚާބުގައި ކޮންގްރެސް ޕާޓީއަށް ކާމިޔާބު ވިޔަސް، ބޮޑުވަޒީރުކަމުގައި ދެމިނުހުންނަވާނެ ކަން ބޮޑުވަޒީރު މަންމޯހަން ސިންގް އިއުލާން ކުރައްވައިފިއެވެ.
މިއަދު އޮތް ނޫސް ކޮންފަރެންސެއްގައި ސިންގް ވިދާޅުވެފައި ވަނީ ކޮންގްރެސް ޕާޓީގެ ފަރާތުން ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާނެ ކެންޑިޑޭޓަކު ވަގުތު ޖެހުމުން އިއުލާން ކުރެވޭނެ ކަމަށާއި، ޕާޓީގެ ނާއިބު ރައީސް ރާހުލް ގާނދީއަކީ "ނާދިރު ގާބިލިއްޔަތެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެއް" ކަމަށެވެ.
ރާހުލް ގާނދީ އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާނދީ އާއި ސޯނިއާ ގާނދީއާ ދެމަފިރިކަނބަލުންނަށް ލިބިވަޑައިގަތް ދެ ބޭފުޅުންގެ ތެރެއިން ދޮށީ ބޭފުޅާއެވެ. އޭނާގެ ކޮއްކޯފުޅަކީ ޕްރިޔަންކާ ގާނދީއެވެ. އޭނާގެ މާމާފުޅަކީ އިންޑިއާގެ ބޮޑުވަޒީރުކަން ކުރެއްވި އިންދިރާ ގާނދީއެވެ. އިންދިރާ ގާނދީއަކީ މިނިވަން އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫގެ ދަރިކަނބަލުންނެވެ.
"އަޅުގަނޑަށް ވަރަށް ބޮޑު އިތުބާރެއް އެބަ އޮތް އަޅުގަނޑުމެންގެ އައު ޖީލުގެ ލީޑަރުން މި މަތިވެރި ގައުމުގެ ނާ ގޮވައިގެން، ދުނިޔޭގައި އެގޮތްމިގޮތަށް ބަދަލުވަމުންދާ އޮޔާއި ވައިގެ ތެރޭގައި ކާމިޔާބު މަންޒިލަކަށް ވަޑައިގަންނަވާނެ ކަމާ މެދު. އަޅުގަނޑު ދެން ބޮޑުވަޒީރުކަމުގެ މަގާމަކަށް ނާންނާނަން." މިއަދުގެ ނޫސް ކޮންފަރެންސުގައި ސިންގް ވިދާޅުވިއެވެ.
ސިންގުގެ ވާހަކަފުޅުގައި ފައިސާގެ އަގު ވެއްޓުމާއި، ފަސާދަ އާއި، އިގުތިސާދީ ކަންކަން ފަދަ އެތައް ކަމަކަށް އަލި އަޅުވައިލެއްވިއެވެ. އޭނާ ވިދާޅުވީ އަންނަ އިންތިޚާބު ކާމިޔާބު ކޮށް، އިންޑިއާގެ ވެރިކަމަށް އަންނާނީ ކޮންގްރެސް ޕާޓީ ކަމާ މެދު ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
ބޮޑުވަޒީރުކަމުގައި އިތުރު ދައުރަކު ހުންނެވުމުގެ ޝައުގުވެރިކަމެއް ނެތްކަން އިއުލާން ކުރައްވަމުން، ސިންގް ވިދާޅުވީ އިންޑިއާގެ އިދިކޮޅު ލީޑަރު ނަރެންދްރަ މޯދީ އެ މަގާމަށް ވަޑައިގެންފި ނަމަ، "ގައުމަށް މުސީބާތްތަކެއް ކުރިމަތި ވާނެ" ކަމަށެވެ.
މޯދީ އަކީ އިންޑިއާގެ ހިންދޫ ވަތަނީ ބާހރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ލީޑަރެވެ. ދާދިފަހުން އިންޑިއާގެ ހަތަރު ސްޓޭޓެއްގައި ބޭއްވުނު އެސެންބްލީ އިންތިޚާބުތަކުގައި ބީޖޭޕީ ވަނީ ބޮޑު ކާމިޔާބެއް ހޯދައިފައެވެ.
"މައުސޫމު އިންސާނުންތަކަކާ ދެކޮޅަށް ގަތުލުއާއްމެއް ހިންގުމުގައި އިސް ދައުރު އަދާ ކުރި މީހަކު ބޮޑުވަޒީރުކަމުގެ މަގާމަށް ގެނެވިގެން ނުވާނެ." އާދަޔާ ޚިލާފު ހަރުކަށި އިބާރާތަކުން މޯދީއަށް ފާޑު ވިދާޅުވަމުން ބޮޑުވަޒީރު ސިންގް ވިދާޅުވިއެވެ.
މޯދީ އަކީ އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށް ވާ ގުޖްރާތުގެ ޗީފް މިނިސްޓަރެވެ. 2002 ވަނަ އަހަރު އެ ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ހަރުކަށި ހިންދޫން ހިންގި ހަރަކާތްތަކުގައި 1000 އަށް ވުރެ ގިނަ މުސްލިމުން މަރައިލެވުނު އިރު، އެކަން ހުއްޓުވާން މޯދީގެ ސްޓޭޓް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިފައި ނުވާ ކަމަށް ބުނެ އެތައް ފަރާތަކުން އޭނާއަށް ފާޑު ކިޔައިފައި ވެއެވެ. ނަމަވެސް މޯދީ ވަނީ އެކަމުގައި އޭނާގެ އެއްވެސް ގޯހެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ބޮޑުވަޒީރު ސިންގުގެ ވާހަކަފުޅުތައް ކުށްވެރި ކުރަމުން، ބީޖޭޕީން ބުނެފައި ވަނީ މޯދީގެ ގިޔާދަތުގައި ގުޖްރާތަކީ "އިންޑިއާއަށް ހުރި ތަރައްގީގެ ނަމޫނާއަކަށް" ހައްދަވައިފައި ވާ ކަމަށެވެ.
އުމުރުން 81 އަހަރުގެ ސިންގް އިންޑިއާގެ ބޮޑުވަޒީރުކަމުގައި ހުންނަވާތާ މިހާރު ގާތްގަނޑަކަށް ދަހައެއް ވެއްޖެއެވެ. ވެއަތުވެ ދިޔަ ދިހަ ވަރަކަށް އަހަރު ސިންގް ބޮޑުވަޒީރުކަން ކުރައްވައިފައި ވަނީ އިންޑިއަން ނެޝަނަލް ކޮންގްރެސް ޕާޓީގެ ޒައާމަތުގައި އުފެދިފައި އޮތް އިއްތިހާދީ ސަރުކާރެއްގައެވެ.
އާއްމު މަންސާތަކުގައި، ބާރުވެރިކަމާ އެކު ވާހަކަ ނުދައްކަވާތީ ބޮޑުވަޒީރު ސިންގަށް ފާޑުކިޔުންތައް އަމާޒު ވެފައި ވެއެވެ. މިއަދު ބޭއްވުނު ނޫސް ކޮންފަރެންސަކީ އޭނާގެ ބޮޑުވަޒީރުކަމުގެ ދެ ދައުރުގެ ތެރޭގައި، ބޭއްވުނު ތިންވަނަ ކޮންފަރެންސެވެ.
ސިންގަކީ އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަހު ހުންނެވި އެއް ލީޑަރެވެ. އޭނާ އެންމެ ފާހަގަ ކޮށްލެވެނީ އިންޑިއާގެ އިގުތިސާދު ޒަމާނީ ޚިޔާލުތަކާ އެކު ހުޅުވައިލައްވައި، އިގުތިސާދީ ގިނަ އިސްލާހުތަކެއް ގެންނެވި މޭސްތިރިއެއްގެ ގޮތުގައެވެ. ނަމަވެސް ފަހަކަށް އައިސް އޭނާގެ ސަރުކާރާ ދެކޮޅަށް، ފަސާދައިގެ ތުހުމަތުތައް ކުރެވި، ގިނަގުނަ ތަހައްދީތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ.