03 Jan 2014, 18:29
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކުރިން އެ މިނިސްޓްރީގެ "ޓެންޓޭޓިވް އެކަޑަމިކް ކަލަންޑަރު"ގައި މިމަހުގެ 12 ވަނަ ދުވަހު ކިޔެވުން ފެށުމަށް ހިމަނާފައިވީ ނަމަވެސް ރަސްމީ އެކަޑަމިކް ކަލަންޑަރަށް ގެނެވުނު ބަދަލުތަކާ ގުޅިގެން މި އަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ފަށާނީ މިމަހުގެ 14 ގައި ކަމަށެވެ. އަދި ހުރިހާ ސްކޫލަކަށް ލިޔުމުން އެކަން އަންގާފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެގޮތަށް ހަމަޖެއްސީ ކުރިން ސްކޫލު ހުޅުވުމަށް އޮތް ތާރީހަށް ފަހު ސަރުކާރު ބަންދު ދުވަހެއް އަންނާތީ އެވެ. ނަމަވެސް އަމިއްލަ ސްކޫލުތަކުގައި ސްކޫލު ފެށޭ ދުވަސްތައް ތަފާތު ވެދާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މި އަހަރުގެ އާއަހަރުގެ ކިޔެވުން ފެށުމަށް ބަދަލެއް ގެނެސްފައިވީ ނަމަވެސް ގްރޭޑް 10 އަކަށް ބާއްވާ އިމްތިހާން އަވަސްވުން ނޫން އިތުރު ބަދަލެއް އައިސްފައެއް ނުވެ އެވެ. އެގޮތުން ސެޕްޓެމްބަރު 1 – 12 އަށް ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތް މިއަހަރު ގްރޭޑް 10ގެ ދެވަނަ ޓާމުގެ އިމްތިހާން އޮގަސްޓު މަހުގެ 31 އިން ސެޕްޓެމްބަރު މަހުގެ 11 އަށް ބާއްވާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.