03 Jan 2014, 15:33
އިންޑިއާ ސަރުކާރުގެ ކްރެޑިޓް ފެސިލިޓީގެ ދަށުން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ހެވީލޯޑަށް ދޫކުރި 2.3 މިލިއަން ރުފިޔާ އަށް ސަރުކާރުން ގެރެންޓީ ދީފައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެސްބީއައި މެދުވެރިކޮށް 2008 ވަނަ އަހަރު ދިވެހި ސަރުކާރަށް އިންޑިއާ އިން ދޫކުރި 100 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިން 2010 ވަނަ އަހަރު ހެވީލޯޑަށް ދޫކުރި 206،400 އެމެރިކާ ޑޮލަރަށް ސަރުކާރުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން ފިނޭން މިނިސްޓްރީން ދީފައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކު ސޮއިކުރައްވައިގެން ކަމަށް ބުދަ ދުވަހު އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ސޮއިކުރައްވައި ނެރުއްވި ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
މާލިއްޔަތު ގާނޫނުގެ ފަސް ވަނަ މާއްދާ އާ ހަވާލާ ދެއްވައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ ދައުލަތުން ޒިންމާވާ ގޮތަށް، ދައުލަތުން ގެރެންޓީއެއް ދޭންވާނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިޔުމުން ލިބިގެން ކަމަށެވެ. ނަމަވެސް ހެވީލޯޑަށް ސަރުކާރުގެ ގެރެންޓީ ދިނުމުގައި ރައީސް ސޮއިކުރައްވާފައިވާ ލިޔުމެއް ނެތް ކަމަށާއި އެ ހުއްދައިގައި ސޮއިކުރައްވާފައިވާ ސްޓޭޓް މިނިސްޓަރަށް އެ އިހުތިޔާރު ނެތް ކަމަށެވެ.
މާލިއްޔަތު ގާނޫނުގައިވާ ގޮތުން ދައުލަތް ޒިންމާވާ ގޮތަށް އެއްވެސް ގެރެންޓީއެއް ދޭންވާނީ އެކަމުގެ ސަބަބުން ކޮށްފާނެ އަސަރުތައް ރަނގަޅަށް ދެނެގަތުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ލިބިގެންނެވެ.
ހެވީލޯޑާއި އެސްބީއައިއާ ދެމެދު އެއްބަސްވެފައި ވަނީ އެލްސީގެ މުއްދަތު ހަމަވުމުގެ ކުރިން އެ ލޯނު ފައިސާ އަނބުރާ ދައްކާ ގޮތަށެވެ. ނަމަވެސް އެފައިސާ ހެވީލޯޑުން ދައްކާފައި ނުވުމުން ޒިންމާވާން ޖެހެނީ، ލޯނަށް ގެރެންޓީ ދިން ދިވެހި ސަރުކާރު ކަމަށާއި އަދި ފައިނޭންސް މިނިސްޓްރީ އަށް އެ ފައިސާ ހެވީލޯޑް މޯލްޑިވްސް އިން ހޯދިފައި ނުވާ ކަމަށެވެ.
އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ މީގެ ފަހުން ސަރުކާރުން ގެރެންޓީ ދޭ ލޯނު ތަކަށް ގެރެންޓީ ދޭން ޖެހޭނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ހެވީލޯޑުން ނުލިބިވާ ފައިސާ ހޯދުމަށް ވެސް އޮޑިޓާ ޖެނެރަލް ވަނީ ފައިނޭންސް މިނިސްޓްރީ އަށް އަންގަވައިފަ އެވެ.