އިސްރާއީލުގެ ކުރީގެ ހަރުކަށި ބޮޑުވަޒީރު އެރިއެލް ޝެރޯން ކޯމާއެއްގައި އޮންނަވާތާ 8 އަހަރު ވުމަށް ފަހު، އޭނާގެ ހާލުކޮޅު އާދަޔާ ޚިލާފަށް ދަށަށް ގޮސްފައި ވާ ކަމަށް ޑޮކްޓަރުން ބުނެފިއެވެ.

ޝެރޯންގެ ހަށިކޮޅުގައި މިހައިތަނަށް މަސައްކަތް ކުރަމުން އައި މުހިއްމު ގުނަވަންތަކުގެ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ބުރޫ އަރައިފައި ވާ ކަމަށް ޑޮކްޓަރުން ބުނެއެވެ. މީގެ ސަބަބުން ޝެރޯންގެ ފުރާނަ ދިޔުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމަށް ޑޮކްޓަރުން ބުނެއެވެ.

އުމުރުން 85 އަހަރުގެ ޝެރޯންގެ ކިޑްނީ ވެސް މިހާރު މަސައްކަތް ނުކުރާ ކަމަށް ވެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުކަމުގެ މަގާމަށް ޝެރޯން އިންތިޚާބު ކުރެވުނީ 2001 ވަނަ އަހަރުއެވެ. 2005 ވަނަ އަހަރު އޭނާއަށް އާދައިގެ ސްޓްރޯކެއް ޖެހުނެވެ. 2006 ވަނަ އަހަރު ވަރުގަދަ ސްޓްރޯކެއް ޖެހުމާ ގުޅިގެން، އޭނާ މިހައިތަނަށް ވެސް އޮންނެވީ ކޯމާގައެވެ.

1948 ވަނަ އަހަރުން ފެށިގެން، އިސްރާއީލުގެ ސިފައިން ފަލަސްޠީނާއި ޢަރަބި ބައެއް ގައުމުތަކާ ކުރި ހަނގުރާމަތަކުގައި އިސް ދައުރެއް އަދާ ކުރެއްވި ޝެރޯނަކީ އިސްރާއީލުގައި ވަރަށް މަގުބޫލު އަސްކަރީ ލީޑަރެކެވެ. 1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައި ވެސް، އަދި 1973 ވަނަ އަހަރުގެ އޮކްޓޯބަރު ހަނގުރާމައިގައި ވެސް އިސްރާއީލު ސިފައިންގެ އިސް އޮފިސަރެއްގެ ހައިސިއްޔަތުގައި އޭނާ މަސައްކަތް ކުރެއްވިއެވެ.

ޝެރޯން މަޝްހޫރު ވެފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ނަފްރަތު ކުރެއްވުމާއި، ޢަރަބީންނަށް އަނިޔާ ކުރެއްވުމުގައި ސަހްޔޫނީ ޔަހޫދީ ލީޑަރުންގެ ތެރެއިން ވެސް އަރައިހުންނެވި ބޭފުޅެއްގެ ގޮތުގައެވެ.

1982 ވަނަ އަހަރު އިސްރާއީލުގެ ސިފައިން ލުބްނާނަށް އަރައި، ލުބްނާނުގެ ވެރިރަށް ބެއިރޫތާއި އިތުރު އެތައް ޝަހަރަކާއި ބަލްދާއަކާއި އަވަށްތަކެއް ފުނޑުފުނޑުކޮށް އެތައް ހާސް ބަޔަކު ކަތިލި ހަނގުރާމަ ހިނގީ ޝެރޯންގެ ދިފާއީ ވަޒީރުކަމުގައި، އޭނާގެ ބެލުމުގެ ދަށުންނެވެ. ޞަބްރާ އާއި ޝަތީލާގެ މަޝްހޫރު މިނިކަތިލުމާއި ރޭޕްގެ ސިލްސިލާ ހިންގައިފައި ވަނީ ވެސް، ޕެލަސްޓައިން ލިބަރޭޝަން އޯރގަނައިޒޭޝަން (ޕީއެލްއޯ) ގެ ހަނގުރާމަވެރީން ބަލި ކުރުމުގެ ނަމުގައި ކަމަށް ބުނެ އިސްރާއީލުން ލުބްނާނަށް އަރައި އެ ގައުމުގެ އެތައް ޝަހަރެއް ބިމާ ހަމަ ކޮށްލި ހާދިސާގެ ތެރޭގައެވެ.

ޞަބްރާ އާއި ޝަތީލާ ރެފިއުޖީ ކޭމްޕުތަކުގައި، ފަލަސްޠީނުގެ އެތައް ހާސް އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީންނާއި ފިރިހެނުން ކަތިލައި، އެތައް ސަތޭކަ އަންހެނުން ރޭޕް ކޮށް، ކުދި އަނިޔާ ދިނުމުގެ އަނިޔާވެރި އަމަލުތައް ހިންގީ އިސްރާއީލުގެ ސިފައިންނާއި ލުބުނާނުގެ ކްރިސްޓިއަން ހަނގުރާމަވެރީން ގުޅިގެންނެވެ. ބުނެވޭ ގޮތުގައި އެ ހާދިސާ ހިނގި އިރު، އެ ދެ ކޭމްޕުގެ ކައިރީގައި، ކަންތައް ހިނގާނުހިނގާ ގޮތް ފެންނަ ހިސާބުގައި ހުރި އިމާރާތެއްގެ ކުޑަދޮރުން މަންޒަރު ބައްލަވާން ޝެރޯން ހުންނެވިއެވެ.

ޞަބްރާ އާއި ޝަތީލާގެ ގަތުލުއާއްމާ ވިދިގެން ދުނިޔޭގެ ފިއްތުންތައް ކުރިމަތި ވެ، އިސްރާއީލުގެ ސަރުކާރުން ތަހުގީގު ކޮމިޝަނެއް ހަދައި ތަހުގީގު ކުރުމަށް ފަހު، އެ ގަތުލުއާއްމުގެ ޒިންމާ ޝެރޯން ނަންގަވާން ޖެހޭ ކަމަށް ނިންމިއެވެ. ނަމަވެސް އެކަމާ ގުޅިގެން ޝެރޯނަށް އެއްވެސް އަދަބެއް ދެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި، އެ ހާދިސާގެ 18 އަހަރު ފަހުން، އޭނާ އިސްރާއީލުގެ ބޮޑުވަޒީރުކަމުގެ މަގާމަށް އިންތިޚާބު ކުރެވުނެވެ.

ފަލަސްޠީނުގެ ރައްޔިތުންގެ އަތުން ފޭރިގަނެވި، އަސްކަރީ ބާރުގައި އިސްރާއީލުގެ އަތްދަށަށް ގެނެވިފައި ހުރި ފަލަސްޠީނުގެ ބިންތަކުގައި ސަހްޔޫނީންނަށް އައު އާބާދީތައް ބިނާ ކުރުމުގެ ސިޔާސަތަކީ ވެސް ޝެރޯންގެ ސަރުކާރުން ވަރަށް އިސްކަން ދީގެން ތަންފީޒު ކުރި ސިޔާސަތެކެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ވަށައިގެން ބޮޑު ހުރަހެއް ބިނާ ކޮށް، އެ ސަރަހައްދަކީ ވަޔަށް ހުޅުވިފައި ވާ ޖަލަކަށް ހެދުމުގެ މަޝްރޫއުގެ ބައްޕަޔަކީ ވެސް ޝެރޯނެވެ.

2005 ވަނަ އަހަރު، ޝެރޯން އޭނާގެ ލިކޫޑް ޕާޓީ ދޫ ކޮށްލައްވައި، ޤަދީމާ ޕާޓީގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ. އޭނާއަށް ސްޓްރޯކެއް ޖެހިވަޑައިގެން، ކޯމާއަކަށް ވަޑައިގެންނެވީ 2006 ވަނަ އަހަރުގެ އިންތިޚާބުގައި ޤަދީމާ ޕާޓީގެ ފަރާތުން ބޮޑުވަޒީރުކަމަށް ވާދަ ކުރައްވާން ތައްޔާރު ވެވަޑައިގަންނަވަމުން ގެންދަވަނިކޮށެވެ.