ބައިރޫތު (ޖަނަވަރީ 3): ލުބްނާނުގެ ވެރިރަށް ބައިރޫތުގެ ދެކުނުގައި އިއްޔެ ގޮއްވާލި ބާރުގަދަ ކާރުބޮމުގެ ޙަމަލާ އދ.ގެ ސަލާމަތީ މަޖިލީހުން ކުށްވެރކޮށްފި އެވެ.

އެޙަމަލާ ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ނެރުނު ބަޔާނުގައި ބައިރޫތުގެ ދެކުނުގައި އިއްޔެ ގޮއްވާލި ކާރުބޮމުގެ ހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ސިފަކޮށް ދުނިޔޭގެ އަމްނާއި ސަލާމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމް ކަމަށް ބުނެފައިވެ އެވެ. ލުބްނާނުގެ ޝިޔަޢީންގެ އާބާދީބޮޑު ދެކުނު ބައިރޫތުގައި އިއްޔެ ހަވީރު ގޮއްވާލި ކާރުބޮމުގެ ޙާދިސާގައި 6 މީހުން މަރުވެ 75 މީހުން ޒަޚަމްވެފައިވާ އިރު އޭގެތެރެއިން ބައެއް މީހުންގެ ހާލުވަރަށް ބޮޑުކަމަށްވެ އެވެ. އިއްޔެގެ ޙަމަލާގެ މަގްސަދަކީ އާންމު ރައްޔިތުންނަށް ބިރުދައްކައި ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ލުބްނާން ވައްޓާލުމަށް މަގުފަހިކުރުން ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.

ކާރުބޮން ބޮއްވާލާފައި ވަނީ ދެކުނު ބައިރޫތުގައި ހުންނަ ހިޒްބުﷲ ޖަމާއަތުގެ ސިޔާސީ މަޖިލީހުގެ ޢިމާރާތާ ވަރަށްކައިރީ ހިސާބެއްގައި ކަމުން މިއީ ހިޒްބުﷲ އަށް އަމާޒުކޮށް ދިން ޙަމަލާއެއްކަމަށް ބައެއް ރިޕޯޓްތައް ދެކެ އެވެ. މި ޙަމަލާއަށް ފަހު ލުބްނާނުގެ ސިފައިން ބައިރޫތުގެ އެކިކަންކޮޅުތަކަށް ފެތުރި ސަލާމަތީ ސަރަހައްދުތަކެއް ގާއިމްކޮށްފައިވާ އިރު ފުލުހުންގެޖިނާއީ ތަހްގީގްތަކާއި ފޮރިންސިކް ތަޖްރިބާކާރުން ވަނީ ބޮންގޮއްވާލި ސަރަހައްދަށް އައިސް ކަމާ ބެހޭ ހެކިތައް ހޯދައި ތަހްޤީޤްތައް ފަށާފަ އެވެ. ލުބްނާނުގެ ބޮޑުވަޒީރު ނަޖީބް މީގާތީއާއި އެގައުމުގެ ސިޔާސީ ހުރިހާ ފަރާތްތަކަކުން ވަނީ އިއްޔެގެ ޙަމަލާ ވަރަށް ބޮޑަށްކުށްވެރިކުރައްވާފަ އެވެ. މިއީ ލުބްނާނުގެ ރައްޔިތުން ފިތްނައާއި ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލުމުގެ ނިޔަތުގައި ރާވައިގެން ދިން ޙަމަލާއެއް ކަމަށް ލުބްނާނުގެ ހުރިހާ ފަރާތްތަކުން ވެސް ވަނީ ސިފަކޮށްފަ އެވެ. މީގެއިތުރުން ހިޒްބުﷲ އިންވަނީ މިދަނޑިވަޅުގައި ގައުމީ އެއްބައިވަންތަކަމަށް ވެސް ގޮވާލާފަ އެވެ.
ދެކުނު ބައިރޫތުގައި އިއްޔެ ކާރުބޮން ގޮއްވާލާފައި މިވަނީ އެ ސަރަހައްދުގައި ހުންނަ އީރާނުގެ އެންބަސީ އަށް އަމާޒުކޮށް މިދިޔަ ނޮވެމްބަރު މަހު ދިން ބޮމުގެ ޙަމަލާގެ ފަހަތުގައިވާ ކަމަށް އަމިއްލައަށް އިއްތިރާފްވެފައިވާ ޢަބްދުﷲ ޢައްޒާމް ޖަމާއަތުގެ ޒަޢީމް މާޖިދުލްމާޖިދު އަތުލައިގަނެ އޭނާ ލުބްނާނުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށްގެން ދިޔަތާ 24 ގަޑީއިރު ވެސް ނުވަނީހެވެ. އަލްގާއިދާގެ ކޮމާންޑްގެ ދަށުން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރެވިފައިވާ ސައޫދީ ރައްޔިތެއް ކަމަށްވާ މާޖިދުލްމާޖިދު ފިލައިގެން އުޅެނިކޮށް ލުބްނާނުގެ ޢަސްކަރީ ޖާސޫސީ އިދާރާ އިން އޭނާ އަތުލައިގަތުމުން ސައޫދީ ސަރުކާރުން ވެސް ވަނީ އެކަމަށް މަރްހަބާ ކިޔާފަ އެވެ.

ބައިރޫތުގައި އިއްޔެ ގޮއްވާލި ކާރުބޮމުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއްނުވެ އެވެ. ނަމަވެސް ކާރުބޮން ގޮއްވާލި ސަރަހައްދަކީ ޝިޔަޢީންގެ ސަރަހައްދަކަށްވެފައި ކާރުބޮން ގޮއްވާލާފައި ވަނީ ހިޒްބުﷲ ޖަމާއަތުގެ ޢިމާރާތަކާ ކައިރީގައި ކަމަށްވާތީ މިއީ ހިޒްބުﷲ އަށް އަމާޒުކޮށް ޙަމަލާދޭނެ ކަމުގެ އިންޒާރުތައް ދީފައިވާ ޢަބްދުﷲ ޢައްޒާމް ޖަމާއަތުގެ ޢަމަލެއްކަމަށް ވަނީ ޝައްކު ކުރެވިފަ އެވެ. ހިޒްބުﷲ އިން ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަނުން ހުއްޓާނުލާ ނަމަ ލުބްނާނުގައިވާ އެޖަމާއަތުގެ އަމާޒުތަކަށް ޙަމަލާދޭނެ ކަމުގެ އިންޒާރު ޢަބްދުﷲ ޢައްޒާމް ޖަމާއަތުގެ ހަނގުރާމަވެރިން ތަކުރާރުކޮށް ދީފައިވެ އެވެ. (ނޫސްއެޖެންސީތައް)