އިސްލާމް އާބާދު (ޖަނަވަރީ 3): ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފުގެ މައްޗަށް ސަރުކާރުން އުފުލާފައިވާ ޚިޔާނާތުގެ ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އިއްޔެ ދަތުރު ކުރައްވަމުންދަނިކޮށް ކުރިމަތިވި ހިތްޕުޅުގެ ކުއްލި މައްސަލައަކާ ގުޅިގެން ހިތުގެ ބަލިތަކާ ބެހޭ ޢަސްކަރީ ހޮސްޕިޓަލެއްގައި އޭނާ އެނދުމަތިކޮށްފި އެވެ.

މުޝައްރަފްގެ ވަކީލުންނާ ހަވާލާދީ ޕާކިސްތާނުގެ ޖިޔޯ ޓީވީ ޚަބަރުދޭ ގޮތުގައި މުޝައްރަފަށް ކުރިމަތިވެވަޑައިގެންފައި ވަނީ ހިތްޕުޅުގެ މައްސަލައެކެވެ. އެކަމަށް ފަރުވާ ހޯއްދެވުމަށް ޓަކައި މުޝައްރަފް މިހާރު އެޑްމިޓްކޮށްފައި ވަނީ ރާވަލް ޕިންޑީގައި ހުންނަ ހިތުގެ ބަލިތަކާބެހޭ ޢަސްކަރީ ހޮސްޕިޓަލްގައި ކަމަށާ އޭނާގެ ހާލުކޮޅު ރަނގަނޅުވަމުން އަންނަކަމަށް ޖިޔޯ ޓީވީ ބުނެ އެވެ.

ޕަރްވޭޒް މުޝައްރަފަކީ މީގެކުރިން ހިތްޕުޅުގެ އާލާސްކަންފުޅެއް ކުރިމަތިވެވަޑައިގެންފައިނުވާ އަދި ސިއްޙީ ހާލުކޮޅު ރަނގަނޅު ބޭފުޅެކެވެ. ނަމަވެސް މުޝައްރަފާ މިހާރު ކުރިމަތިވެވަޑައިގެންފައިވާ ދަޢްވާތަކާއި އެ ދަޢްވާތަކާ ގުޅިގެން އެކިފަހަރުމަތިން ޖަލުގައާއި ގޭ ބަންދުގައި ބެހެއްޓުމުގެ ސަބަބުން ކުރިން އޭނާއަށް ކުރިމަތިވެވަޑައިނުގަންނަވާ ނަފްސާނީ އަދި ސިއްޙީ ބައެއް މައްސަލަތައް މިހާރު ކުރިމަތިވާން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އިއްޔެ އޭނާއަށް ކުރިމަތިވެވަޑައިގެންފައި ވަނީ ހާޓްއެޓޭކެއްކަން ނުވަތަ ނޫންކަން އަދި މުޅިން ކަށަވަރެއް ނުވެ އެވެ.

ރާވަލް ޕިންޑީގެ ޢަސްކަރީ ހޮސްޕިޓަލުގައި މުޝައްރަފް އެނދުމަތި ކުރެވިފައިވާ އިރު ކޯޓަށް ހާޒިރު ވެވަޑައިގެންނެވޭ ވަރަށް އޭނާގެ ޙާލުކޮޅު ރަނގަޅުކަން ނުވަތަ ނޫވަތަ ނޫންކަން ޑޮކްޓަރުން އަދި ހާމަކޮށްފައެއްނުވެ އެވެ. މުޝައްރަފް ކޯޓަށް ވަޑައިގެންނެވުމަށް ދަތުރުކުރެއްވީ އިއްޔެގެ ނިޔަލަށް އޭނާ ކޯޓަށް ހާޒިރު ވެވަޑައިނުގެންފި ނަމަ، ހައްޔަރުކޮށްގެން ވެސް ކޯޓަށް ހާޒިރުކުރާނެކަމުގެ އިންޒާރު މުޝައްރަފްގެ މައްސަލަ ބަލާ ކޯޓުން ދީފައި ވަނިކޮށެވެ. މުޝައްރަފުގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދައުވާގެ ޝަރީއަތަށް ފެށުނުފަހުން ތިންފަހަރުމަތިން އޭނާ ވަނީ ކޯޓަށް ހާޒިރުވެވަޑައި ގަތުމަށް އުޒުރުވެރިވެވަޑައިގެންފަ އެވެ.

ވެރިކަމުގައި ހުންނެވި ދުވަސްވަރު ގާނޫނާ ޚިލާފުއެތައް ޢަމަލުތަކެއް ހިންގަވާފައިވާ ކަމުގެ ތުހުމަތު މުޝައްރަފްގެ މައްޗަށް ވަނީ ކުރެވިފަ އެވެ. މީގެތެރޭގައި ފަނޑިޔާރުން ވަޒީފާ އިން ވަކިކޮށް އެމީހުންނަށް ގޯނާ ކުރުމާއި ގާނޫނު އަސާސީގެ ބާރކަނޑުވާލުމާއި ސިޔާސީ ބައެއް ބޭފުޅުންގެ މަރާލުމާއި މުޝައްރަފާ ގުޅިފައިވާ މައްސަލަތައް ހިމެނެ އެވެ. މިމައްސަލަތައް މުޝައްރަފުގެ މައްޗަށް ސާބިތު ވެއްޖެ ނަމަ ޢުމުރު ދުވަހުގެ ޖަލު ޙުކުމެއް ނޫނީ މަރުގެ ޙުކުމެއް އޭނާގެ މައްޗަށް އަންނާނެކަމަށް ވަނީ ބެލެވިފަ އެވެ. (ނޫސްއެޖެންސީތައް)