ގދ. ހޯޑެއްދޫ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހޯޑެއްދޫ ކައުންސިލް މެމްބަރު މުހައްމަދު އަޝްރަފް ވިދާޅުވީ އެރަށު ފަޅުތެރޭގައި މަރުވެފައި އޮއްވާ މިއަދު ހެނދުނު 6:00 ހާއިރު ފެނިފައި ވަނީ އެރަށު ދެކުނުގޭ މަހުދީ ހާޝިމް ކަމަށެވެ.

އޭނާ ވިދާޅުވީ މަހުދީ ހާޝިމަކީ ހުއިފިލަނޑާ ނެގުމުގެ މަސައްކަތް ކުރާ ޒުވާނެއް ކަމަށާއި ރޭ ވެސް އޭނާ ހުއިފިލަނޑާ ނަގަން ދިޔަ ކަމަށެވެ.

ހުއިފިލަނޑާ ނަގަން ދިޔުމަށް ފަހު ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ އެނބުރި ގެއަށް ދިޔަ ކަމަށާއި އޭގެފަހުން އަނެއްކާވެސް ގެއިން ނުކުމެގެން ގޮސްފައިވާ ކަމަށް އަޝްރަފް ވިދާޅުވި އެވެ.

"ހުއިފިލަނޑާ ނަގަން ގޮސްފަ ނިމިގެން ރޭ ދަންވަރުގެ ވަގުތެއްގައި މަހުދީ ހާޝިމް ގެއަށް ދިޔަކަމަށް ވަނީ. ދެން ފެންވަރައިގެން ގެއިން ނުކުމެގެން ދިޔައީ،" އަޝްރަފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބެލެވޭ ގޮތުގައި މަހުދީ ހާޝިމް މަރުވެފައި ވަނީ ޖެޓީ މަތީގައި ހުއްޓާ މޫދަށް ވެއްޓިގެންނެވެ.

އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓު ކުރުމާ އެކު އެއަތޮޅު ތިނަދޫ ޕޮލިސްޓޭޝަންގެ ޓީމެއް އެރަށަށް ގޮސް އެމީހާ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ހޯޑެއްދޫ ކައުންސިލް މެމްބަރު އަޝްރަފް ވިދާޅުވި އެވެ.