03 Jan 2014, 10:59
ފަލަސްދީނާއި މެދު ދިވެހިން ހޭލުންތެރިކުރުވުމަށް އިސްލާމިކް މިނިސްޓަރީ އާއި މޯލްޑިވްސް ޕެލަސްޓައިން ބްރަދާހުޑް އެސޯސިއޭޝަނުން ދިވެހި އިލްމުވެރިންނަށް ޚާއްސަ ވޯކްޝޮޕެއް ފަށައިފި އެވެ.
ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް ޕެލަސްޓައިން ބްރަދާހުޑް އެސޯސިއޭޝަނުގެ ރައީސް އައްޝައިހް އަހްމަދު މައުމޫން ވިދާޅުވީ މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ވޯކްޝޮޕަކީ ފަލަސްތީނުގެ ހާލަތާ ބެހޭގޮތުންނާއި އަދި އިސްލާމްދީނާ ގުޅިފައިވާ އިލްމީ ކަންތައްތަކާއި ބެހޭގޮތުން ދިވެހި އިލްމުވެރިންގެ ތެރޭގައި މަޝްވަރާކޮށް މައުލޫމާތު ދިނުމަށް ބާއްވާ ވޯކްޝޮޕެއް ކަމަށެވެ.
"ދީނީ އިލްމުވެރިންނަށް މި ވޯކްޝޮޕް ބޭއްވުމުގެ އެންމެ ބޮޑު އެއް އަމާޒަކީ އެބޭފުޅުން މުޖުތަމައުގެ އެކިކަންކޮޅުތަކަށް ފަސޭހަކަމާއި އެކު އެ މައުލޫމާތު ފޯރުކޮށްދެވޭނެތީވެ. އަދި މަސައްކަތު ބައްދަލުވުން ނިމިގެންދާއިރު ދީނީ އިލްމުވެރިން މެދުވެރިކޮށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދެވިގެންދާނެ،" އެސޯސިއޭޝަނުގެ ރައީސް މައުމޫން ވިދާޅުވި އެވެ.
ޝެއިޚު މައުމޫން ވިދާޅުވީ އެ ވޯކްޝޮޕްގައި އިލްމުވެރީންނަށް މައުލޫމާތު ދެއްވާނީ ފަލަސްތީންގެ އިލްމުވެރިންގެ ޖަމިއްޔާ އެއް ކަމަށްވާ ރާބިތަތް އުލަމާ ޕަލެސްދީންގެ ސެކްރެޓަރީ ޖެނެރަލް ޝެއިޚު އަލީ އަހްމަދު މުގްބިލު ކަމަށާއި ރާއްޖޭގެ އެކިކަންކޮޅުތަކުން އަންހެން އަދި ފިރިހެން ބޭފުޅުންގެ ތެރެއިން ގާތްގަނޑަކަށް 50 ބޭފުޅުން އެ ވޯކްޝޮޕުގައި ބައިވެރިވާނެ ކަމަށެވެ.
ފަލަސްތީނުގެ މައްސަލައާ ގުޅޭ ގޮތުން ދިވެހިން ހޭލުންތެރިކުރުވުމަށް 2011 ވަނަ އަހަރު އުފެއްދި މޯލްޑިވްސް ފަލަސްތީން ބްރަދާހުޑް އެސޯސިއޭޝަނުން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފަލަސްތީނުގެ ހާލަތާއި ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތަކެއް ހިންގާފަ އެވެ. އެގޮތުން ފޮޓޯ މައުރަޒަކާއި ހިނގާލުމެއްގެ އިތުރުން މިދިޔަ އަހަރުގެ ރޯދަ މަހުވަނީ ފަލަސްތީނުގެ ހާލަތާއި ގުޅޭގޮތުން ދެ ދަރުހެއްވެސް އެ އެސޯސިއޭޝަނުން އިސްނަގައިގެން ބާއްވާފަ އެވެ.