އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތެއް ޖެނީވާގައި ހުންނަ އދ. ގެ ހެޑްކުއާޓަރގައި ކުރިޔަށް ގެންގޮސްފިއެވެ. މިއިޙްތިފާލްތަކުގައި އދ. ގެ އޮގަނައިޒޭޝަންތަކުގެ މަންދޫބުންނާއި ޖެނީވާގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކުގެ ވެރިންނާއި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ކައުންސިލްގެ ވެރިޔާއާއި އިންސާނީ ޙައްޤުތަކާބެހޭ އދ. ގެ ހައިކޮމިޝަނަރ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކަތައް އަމާޒުކުރެއްވީ ދުނިޔޭގެ ޤައުމުތަކުގައި ހިނގަމުންދާ އިންސާނީ ހައްޤުތަކާ ޚިލާފް ޢަމަލުތަކާބެހޭގޮތުންނާއި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކާއި އެކްޓިވިސްޓުން އަދާކުރާ ދައުރާބެހޭގޮތުންނެވެ.


މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންސާނީ ޙައްޤުތަކާބެހޭ އދ. ގެ ހައިކޮމިޝަނަރ ނެވީ ޕިލާއި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލެއްވީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އެއްބާރުލުންދީ އެފަރާތްތައް ޙިމާޔަތް ކުރުމަށެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދެއްކެވި ފަރާތްތަކުންވަނީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގައި ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީނުވާ ޤައުމުތައްވެސް ޝާމިލްވާކަން ހާމަކުރައްވާފައެވެ. އަދި ޑިމޮކްރެޓިކް ނިޒާމް އޮންނަ ޤައުމުތަކުންނާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި އަޑުފަތުރައި ޕްރޮޕަގެންޑާ ކުރަމުންގެންދާ ޤައުމުތަކުންވެސް އިންސާނީ ޙައްޤުތަކަށް އަރައިގަންނަމުންދާކަން ހާމަކުރައްވާފައެވެ.


އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޑެކްލަރޭޝަން އދ. ން ފާސްކޮށް ޢާންމު ކުރި ދުވަހާ ގުޅުވައިގެންނެވެ. އެއީ ކޮންމެ މީލާދީ އަހަރެއްގެ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހެވެ. އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ޑެކްލަރޭޝަން ފާސްކޮށްފައިވަނީ 1948 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުގައެވެ.