އިސްރާއީލުގެ ސިފައިންގެ ތަމްރީނުތައް ފަލަސްޠީނުގެ އަވަށްތަކުގައި ބާއްވައި، އެ ތަމްރީނުތަކުގެ ބައެއްގެ ގޮތުގައި ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރަށް ކުރީން އިންޒާރު ދިނުމެއް އެންގުމެއް ނެތި ކުއްލިޔަކަށް ވަދެގަތުން އާއްމު ވަމުންދާ މައްސަލައިގައި، އިންސާނީ ހައްގުތަކަށް ޓަކައި މަސައްކަތް ކުރާ ޖަމްއިއްޔާތަކުން އިސްރާއީލަށް ފާޑު ކިޔައިފިއެވެ.

އިންސާނީ ހައްގުތަކަށް ޓަކައި މަސައްކަތް ކުރާ "ބްރޭކިންގ ދަ ސައިލެންސް" ފަދަ ޖަމްއިއްޔާތަކުން މިއަދު ބުނެފައި ވަނީ އިސްރާއީލު ސިފައިންގެ ތަމްރީނުތަކުގައި، ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރަށް ކުއްލިއަކަށް ހަތިޔާރާ އެކު ވަދެގަންނަ ކަމަށާއި، ވަދެގަތުމަށް ފަހު ގޭގައި ތިބޭ އަންހެނުންނާއި ފިރިހެނުން އަދި ކުޑަކުދީންނާއި މުސްކުޅީންނަށް ދާންދެން ބަނދެ ހައްޔަރު ކޮށްގެން އެތައް ގަޑިއިރެއް ވާންދެން އެ ހާލުގައި ބައިތިއްބާ ކަމަށެވެ. މި ކަން ކުރަނީ ރެއިޑް ކުރުމުގެ ތަމްރީނު ހޯދުމުގެ ގޮތުން ކަމަށް ވެއެވެ.

އިސްރާއީލުން އަސްކަރީ ބާރުގެ ބޭނުން ކޮށްގެން އަޅުވެތި ކޮށްފައި ވާ ހުޅަނގު އައްސޭރީގެ އެތައް ބަލްދާއަކާއި އަވަށެއްގައި މިގޮތަށް ތަމްރީނުތައް ބާއްވަމުންދާ ކަމަށް ވެސް ވެއެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ސިފައިންގެ އަސްކަރީ ތަމްރީނުތައް ތިމާ ދިރިއުޅޭ އަވަށުގެ މަގުތަކުގައި، ގޭގެ ދޮރުމަތީގައި ބޭއްވުމަށް ނުވަތަ، އެ ތަމްރީނުތަކުގައި ސިފައިން ކުއްލިއަކަށް އައިސް ތިމާގެ ގޭގެ ދޮރު ފެލައިލައިފައި ހަތިޔާރާ އެކު ގެއަށް ވަދެގަތުމަށް ރުހޭ އެއްވެސް މީހަކު އިސްރާއީލުގެ ރައްޔިތުންގެ ތެރޭގައި ހުންނާނެ ހެނެއް." ބްރޭކިންގ ދަ ސައިލެންސްގެ އޮފިޝަލް ޝައި ޑޭވިޑޮވިޗް އަލްޖަޒީރާގެ މުރާސިލުންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

އިންސާނީ ހައްގުތަކަށް ޓަކައި މަސައްކަތް ކުރާ ޖަމްއިއްޔާތަކުން އިސްރާއީލާ ދެކޮޅަށް ފާޑު ކިޔައިފައި ވަނީ ޔުނައިޓެޑް ސްޓޭޓްސްގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ މެދުއިރުމައްޗަށް ކުރައްވާން ހަމަޖެހިފައި ވާ ދަތުރުފުޅާ ދިމާކޮށެވެ. މިއަދު އޭނާ މެދުއިރުމައްޗަށް ވަޑައިގަންނަވަނީ އިސްރާއީލާއި ފަލަސްޠީނާ ދެމެދުގައި ސުލްހައިގެ ވާހަކަތައް ބޭއްވުމާ ބެހޭ އައު ހުށަހެޅުންތަކަކާއިގެންނެވެ.

3 އަހަރުގެ މެދުކެނޑުމަކަށް ފަހު، ފަލަސްޠީނާއި އިސްރާއީލުގެ އޮފިޝަލުން ވަނީ މިދިޔަ ޖުލައި މަހު އަނެއްކާވެސް ވާހަކަދެއްކުންތައް ފަށައިފައެވެ. ޖުލައި މަހުން ފެށިގެން މިހައިތަނަށް، ދެ ފަރާތުގެ އޮފިޝަލުން 20 ބައްދަލުވުމެއް ބާއްވައިފައި ވެއެވެ. މި ބުރުގެ ބައްދަލުވުންތައް ކުރިޔަށް ގެންދާން ހަމަޖެހިފައި ވަނީ އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ.