ސީރިއާގެ ރައީސް ބައްޝާރުލް އައްސަދު އަށް ވާގިވެރިވާ ހެކަރުންގެ ގްރޫޕެއް ކަމަށްވާ ސީރިއަން އިލެކްޓްރޯނިކް އާމީ (އެސްއީއޭ) އިން ސްކައިޕްގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކޮށްލައިފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ކޮމްޕިއުޓަރު ސޮފްޓްވެއާ އުފައްދާ ކުންފުނި، މައިކްރޯސޮފްޓުން އޮޕަރޭޓްކުރަމުންދާ ސްކައިޕްގެ ސޯޝަލް އެކައުންޓުތަކުގެ ތެރޭގައި ހިމެނޭ އެމީހުންގެ ބޮލޮގާ، ޓުވިޓާ އާއި ފޭސްބުކް އެކައުންޓައް ހެކްކޮށްލާފައި ވަނީ އިއްޔެ އެވެ.

އެކައުންޓް ހެކްކުރުމަށް ފަހު އެސްއީއޭ އިން ވަނީ ސްކައިޕްގެ ޓިވިޓާ ބޭނުންކޮށްގެން މައިކްރޯސޮފްޓް ބޭނުން ނުކުރުމަށް ގޮވާލާ ފޭކް ޓިވީޓެއްވެސް ކޮށްފަ އެވެ.

"މައިކްރޯސޮފްޓްގެ އީމެއިލް (ހޮޓްމެއިލް އަދި އައުޓްލުކް) ބޭނުންނުކުރޭ. އެމީހުން އެކައުންޓްތަކުން ކުރާ ކަންތައްބަލާ ޑޭޓާ ސަރުކާރަށް ވިއްކާ. އިތުރު ތަފްސީލް އަންނަނީ. އެސްއީއޭ" ސްކައިޕްގެ ޓްވިޓާ އެކައުންޓް ހެކްކުރުމަށް ފަހު އެސްއީއޭ އިން ފޮނުވި ޓުވީޓުގައި ބުނެފައިވެ އެވެ.

ނަމަވެސް އެކައުންޓްތައް ހެކުކުރިތާ ދެ ގަޑިއިރެއްގެ ތެރޭ ސްކައިޕުން ވަނީ އަލުން އެކައުންޓްތައް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފަ އެވެ.

ސްކައިޕުގެ ސޯޝަލް އެކައުންޓުތައް ހެއްކުރި ދުވަހު އެސްއީއޭ އިން ވަނީ އެމީހުންގެ އޮފިޝަލް ޓުވިޓެއްގައި، އީމެއިލް އެކައުންޓްތައް މެދުވެރިކޮށް މައުލޫމާތުތައް ހޯދާތީ މައިކްރޯސޮފްޓްގެ ސީއީއޯ ސްޓީވް ބޮލްމޯސްގެ އަށް ޝުކުރުއަދާކުރުމަށް އެދި އޭނާގެ ހުރިހާ މައުލޫމާތެއް ވެސް ހިއްސާކޮށްފަ އެވެ. އެ ޓުވީޓުގައި ސްޓީވްގެ އީމެއިލް އެޑްރެހާއި އޮފީސް ނަންބަރުގެ އިތުރުން އަމިއްލަ ނަންބަރު ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އެސްއީއޭ އިން ވަނީ މީގެ ކުރިން ވެސް "ނިއުޔޯކްސް ޓައިމްސް" އާއި "އޭއެފްޕީ" ފަދަ ބޮޑެތި އަދި މަޝްހޫރު މީޑިއާ ގްރޫޕުތަކުގެ އެކައުންޓްތައް ވެސް ހެކްކޮށްފަ އެވެ.