02 Jan 2014, 14:44
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން އައްޑޫގައި ހިންގަމުންދާ 55 މިލިއަން ޑޮލަރުގެ ރިސޯޓް، ހެރެތެރެ ސިންގަޕޫރު ކުންފުންޏަކަށް 33.3 މިލިއަން ޑޮލަރަށް ވިއްކާލުމަށް ނިންމައިފި އެވެ.
އެމްޓީޑީސީގެ އެގްޒެކްޓިވް ޑިރެކްޓަރު އަހްމަދު ނިޔާޒު މިއަދު "ސަން" އަށް ވިދާޅުވީ އެ ރިސޯޓް ވިއްކާލުމަށް މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ބިޑަށް ލައިފައިވާ އިރު ބިޑް މުއްދަތު ހަމަވިއިރު ބިޑް ހުށައެޅީ ހަތަރު ކުންފުންޏަކުން ކަމަށެވެ. އަދި އޭގެ ތެރެއިން އެންމެ ބޮޑު ބިޑެއް ހުށައެޅީ ސިންގަޕޫރްގެ ކުންފުންޏެއް ކަމަށްވާ "ކާނެރީ ޕްރައިވެޓް ލިމިޓެޑް" ކަމަށެވެ.
"އެންމެ ބޮޑު އަގެއް ހުށައެޅި ސިންގަޕޫރްގެ ކުންފުންޏަށް ހެރެތެރެ ވިއްކާލުމުގެ މަސައްކަތް މިދަނީ ކުރަމުން" ނިޔާޒު ވިދާޅުވި އެވެ.
އެމްޓީޑީސީ އިން ބުނީ އެ ރިސޯޓް ވިއްކާލަނީ 33.3 މިލިއަން ޑޮލަރަށް ކަމަށެވެ.
ހެރެތެރެ ރިސޯޓުގެ އޮޕަރޭޝަން އެމްޓީޑީސީ އިން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހުއްޓާލީ ކުންފުންޏަށް ވަމުންދާ ގެއްލުންތައް ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ އެވެ. އަދި އޭގެ ފަހުން އެ ރިސޯޓް މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފް ހިއްސާވާ ޓްރީ ޓޮޕް އިންވެސްޓްމަންޓަށް ވިއްކާލަން ނިންމި އެވެ. ނަމަވެސް އެ ކުންފުނީގެ ބޯޑު ބަދަލުވުމާ ގުޅިގެން އެ ނިންމުން ބަދަލުކޮށް އަލުން ރިސޯޓު ވިއްކާލަން ބިޑަށް ހުޅުވާލީ އެވެ.
ޓްރޭ ޓޮޕުން އެ ރިސޯޓު ގަތުމަށް ހުށަހެޅީ 30 މިލިއަން ޑޮލަރެވެ.
ހެރެތެރެ ހިންގުން ތައިލެންޑް ކުންފުންޏަކުން މީގެ ކުރިން ވަނީ ހަވާލުވެފަ އެވެ. އެމްޓީޑީސީގެ ހެރެތެރެ ހިންގުމަށް ތައިލެންޑްގެ އަމަރީއާ އެކު މެނޭޖްމަންޓް ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވަނީ 2011 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ. ނަމަވެސް ތަފާތު އެކި ސަބަބުތައް ދެއްކުމަށް ފަހު އެ ކުންފުނިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެ އެއްބަސްވުން އުވާލައިފަ އެވެ.