02 Jan 2014, 13:09
އިނގިރޭސި ޕްރިމިއާ ލީގުގައި އާއަހަރުގެ ފުރަތަމަ ދުވަހު ކުޅުނު މެޗުތަކުގައި މެންޗެސްޓާ ސިޓީއާއި ޗެލްސީ އަދި ލިވަޕޫލް ރަނގަޅު ކާމިޔާބުތަކެއް ހޯދިއިރު މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ހިތިގޮތަކަށް ޓޮޓެންހަމް އަތުން ބަލިވެއްޖެ އެވެ.
އޯލްޑް ޓްރަފޮޑްގައި ބުދަދުވަހުގެރޭ ކުޅުނު ފޯރިގަދަ މެޗުގައި ޓޮޓެންހަމްއަށް ޔުނައިޓެޑްގެ ގޯލް ހުޅުވާލަދިނީ މެޗުގެ 34 ވަނަ މިނިޓްގައި އެމެނުއެލް އަޑެބަޔޯ އެވެ. ފުރަތަމަ ހާފްގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް މެޗުގެ 66 ވަނަ މިނިޓުގައި ޓޮޓެންހަމްއަށް ނަތީޖާ ފުޅާކޮށްދިނީ ކްރިސްޓިއަން އެރިކްސަން އެވެ. އޭގެ މިނިޓެއް ފަހުން މެޗުގައި ޔުނައިޓެޑަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ ޑެނީ ވެލްބެކް އެވެ.
ޔުނައިޓެޑަށް ޕެނަލްޓީ ލިބެންޖެހޭ ގިނަ ހާދިސާތަކެއް މެޗުތެރޭގައި އެޓީމުން ފާހަގަކޮށް މައްސަލަ ޖައްސާފައިވާއިރު ޔުނައިޓެޑްގެ ކޯޗް ޑޭވިޑް މޮއެސް ބުނީ ޓޮޓެންހަމްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ގޯލްކީޕަރު ހޫގޯ ލޮރިސް ޔުނައިޓެޑްގެ އެޝްލީ ޔަންގަށް ކުރި ފައުލަށް ޕެނަލްޓީއެއް ނުދިނުމަކީ ރެފްރީ ހިންގި ބޮޑު ޖަރީމާ އެއް ކަމަށެވެ.
ސްވާންޒީ ސިޓީގެ ދަނޑުގައި އެޓީމާ ދެކޮޅަށް މެންޗެސްޓާ ސިޓީ 3-2 ލަނޑުގެ ކާމިޔާބީއެއް ހޯދައި ތާވަލުގެ ކުރީގައި އޮތް އާސެނަލް އަށް ޕްރެޝަރު ކުރަމުން ގެންދާއިރު އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 14 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ފެނާންޑީނިއޯ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ސުވާންޒީގެ ވިލްފުރެޑް ބޯނީ ވަނީ ލަނޑެއް ކާމިޔާބުކޮށް ހާފް ނިމުމުގެ ކުރިން މެޗުގެ ނަތީޖާ 1-1 އިން ހަމަހަމަކޮށްފަ އެވެ.
ސިޓީއަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ މެޗުގެ 58 ވަނަ މިނިޓްގައި ޔާޔާ ޓޫރޭ އެވެ. އަދި 66 ވަނަ މިނިޓުގައި އެލެކްސެންޑާ ކޮލަރޯފްވަނީ ލަނޑެއް ކާމިޔާބުކޮށް ސިޓީއަށް ނަތީޖާ 3-1 އަށް ފުޅާކޮށްދީފަ އެވެ. ސުވާންޒީގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގައި ބޯނީ އެވެ.
ރަށުން ބޭރުގައި ސައުތުހެމްޓަންއާ ދެކޮޅަށް ރޭ ޗެލްސީ ކުޅުނު މެޗު އެޓީމުން ފަސޭހަ ކަމާއެކު ކާމިޔާބުކުރީ 3-0 ލަނޑުގެ ނަތީޖާ އަކުންނެވެ.
މެޗުގެ 66 ވަނަ މިނިޓްގައި ޗެލްސީއަށް ސައުހެމްޓަންގެ ގޯލް ހުޅުވާލަދިނީ ފެނާންޑޯ ޓޮރޭސް އެވެ. އަދި ޗެލްސީގެ ދެވަނަ ލަނޑު 71 ވަނަ މިނިޓުގައި ބްރެޒިލް މިޑްފީލްޑަރު ވިލިއަން ކާމިޔާބުކޮށްދިންއިރު 82 ވަނަ މިނިޓުގައި އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ބްރެޒިލް މިޑްފީލްޑަރު އޮސްކާ އެވެ.
އެންފީލްޑްގައި ހަލް ސިޓީ އަތުން ފަސޭހަ ކަމާއެކު ލިވަޕޫލް 2-0 އިން މޮޅުވިއިރު، އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 36 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ޑެނިއެލް އެގާ އެވެ. އަދި ލިވަޕޫލްގެ ދެވަނަ ލަނޑު 50 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ލުއިސް ސުއަރޭޒް އެވެ.
މި ނަތީޖާ ތަކާއެކު ޕްރިމިއާ ލީގު ތާވަލުގެ ކުރީގައި އޮތް ތިންޓީމުގެ ދެމެދުގައި ޕޮއިންޓެއްގެ ތަފާތު އޮތްއިރު، ކާޑިފް ސިޓީއަތުން 2-0 އިން ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތީ 45 ޕޮއިންޓާއެކު އެވެ. އަދި 44 ޕޮއިންޓާއެކު ދެވަނައިގައި ސިޓީ އޮތްއިރު ތިން ވަނައިގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 43 ޕޮއިންޓެވެ.
ލީގު ތާވަލުގެ ހަތަރުވަނައިގައި 39 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ޕޮއިންޓެއްގެ ތަފާތުން ފަސް ވަނައިގައި އޮތީ އެވަޓަން އެވެ. އަދި ޔުނައިޓެޑް ބަލިކޮށް 37 ޕޮއިންޓާއެކު ތާވަލުގެ ހަވަނައަށް ޓޮޓެންހަމް ޖެހިލިއިރު ޔުނައިޓެޑް އޮތީ 34 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގަ އެވެ.