02 Jan 2014, 12:55
އިސްލާމް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ގްރޭޑް އެކަކުން ފެށިގެން 12 އަށް އުނގަންނައި ދިނުމަކީ ސަރުކާރުގެ ސްކޫލްތަކާއި އަމިއްލަ ސްކޫލްތަކުގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށް ކަނޑައެޅުމަށް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް އިޖުތުމާއީ ކޮމެޓީން އިއްތިފާގުވެއްޖެ އެވެ.
އިޖުތިމާއީ ކޮމެޓީގެ މެމްބަރުން އިއްތިފާގުވީ އިސްލާމް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކަނޑައެޅުމަށް އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ހުށަހެޅުއްވި ބިލެއް ފާސްކުރުމަށް ތަޅުމަށް ފޮނުވުމަށެވެ.
ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި ބިލުގައި ބުނެފައި ވަނީ ކުޑަކުދިންގެ މެދުގައި ދީނީ ލޯބި ޖައްސައި މަޒުހަބީ ހިޔާލު ތަފާތުވުންތަކުން، އެއްކިބާވެތިބުމަށް ބާރު އަޅުއްވަނިވި އުސޫލަކުން ދީނީ ތައުލީމުގެ މަންހަޖު ފަރުމާކޮށް ބައްޓަން ކުރުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް ކަމަށެވެ.
ގްރޭޑް އެކަކުން 12 އަށް އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރުންނަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ އިސްލާމިކް ޔުނިވަސިޓީއަކުން އެފަދަ ތައުލީމީ މަރުކަޒަކުން ދީނީ ތައުލީމުގެ ދާއިރާއިން މަތީ ތައުލީމުގެ ދާއިރާއިން ސެޓްފިކެޓް ލިބިފައިވާ ބަޔަކަށް ވާންޖެހޭނެ ކަމަށް ބިލުގައި ބުނެ އެވެ. އަދި ސަރުކާރުން ގަބޫލު ކުރާ ފެންވަރަށް އިސްލާމީ ތައުލީމު ހާސިލްކޮށްފައިވުމާއި ބިދޭސީއެއް ނަމަ އޭނާއަކީ ސުންނަތް ޖަމާއަތުގެ މީހަކަށް ވާން ޖެހޭނެ ކަމަށް ބިލުގައި ބުނެ އެވެ.
ރާއްޖޭގައި ދީނީ ހަރަކާތް ހިންގުމަށް ބޭރު ފަރާތްތަކުން ދޭ މުސާރަ އާއި ހަދިޔާ ބަލައިގަންނަން ވާނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވެ އެވެ. މިހާރު އެ ގާނޫނުގައި އެ ބާރު ލިބިދީފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހަށެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ އެތަން އުވާލައްވައި އިސްލާމިކް މިނިސްޓްރީ އުފައްދަވާފަ އެވެ.