02 Jan 2014, 11:54
މެޗުގެ ފަހު ތިން މިނިޓް ތެރޭގައި ދެ ލަނޑު ކާމިޔާބުކޮށް 2-0 އިން ކާޑިފް ސިޓީ އަތުން މޮޅުވެ އާސެނަލް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނަ މަގާމްގައި ފައި ހަރުކޮށްފި އެވެ.
މި ނަތީޖާއާ އެކު 45 ޕޮއިންޓް ހޯދައިގެން އާސެނަލް ތާވަލުގެ އެއްވަނައިގައި އޮތްއިރު 44 ޕޮއިންޓާއެކު ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. އަދި 43 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި ޗެލްސީ އޮތްއިރު އާސެނަލް އަތުން ބަލިވުމުން ކާޑިފް ސިޓީ އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ 17 ވަނައިގަ އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ބުދަ ދުވަހުގެރޭ ކުޅުނު ފޯރިގަދަ މެޗުގެ ފަހު ވަގުތާ ޖެހެންދެން ކާޑިފް އިން އާސެނަލް ލަނޑެއް ކާމިޔާބުކުރިޔަ ނުދީ ހިފަހައްޓާފައިވާއިރު އާސެނަލްގެ ފުރަތަމަ ލަނޑު މެޗުގެ 88 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ބެންޓްނާ އެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ތަނބިކައްޓަށް އަނިޔާވެ ބެންޓްނާ ވަނީ ފައިބައިފަ އެވެ. އާސެނަލްގެ ދެވަނަ ލަނޑު 90 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ތިއޯ ވޮލްކޮޓް އެވެ.
މެޗަށް ފަހު އާސެނަލްގެ ކޯޗު އާސީން ވެންގާ ބުނީ، ރޭގެ މެޗުގައި ކާޑިފް ޓީމުން ފަހުވަގުތާ ޖެހެންދެން ވަރަށް ރަނގަޅަށް ޓީމު ރާވާލައިގެން ހިތްވަރާއެކު ކުޅުމުގެ ނަތީޖާއަކަށްވީ އޭނާގެ ޓީމަށް ފަހުވަގުތާ ޖެހެންދެންވެސް ލަނޑެއް ކާމިޔާބުކުރުމަށް ބުރަ މަސައްތަކްތަކެއް ކުރަން ޖެހުން ކަމަށެވެ.
"އެމީހުން ވަރަށް ރަނގަޅަށް ކުޅުނު. އެޓީމުގެ އާ ކޯޗު ބެންޗުގައި ކުޅިބަލަން ހުރިއިރު، ރޭގެ މެޗުގައި އެޓީމުން ދެއްކި ކުޅުމަށް ތައުރީފް ހައްގު. އަދި އެމީހުން ބަލިވީ ނަސީބު ދެރަކަމުން،" ވެންގާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، އެ މެޗުން އާސެނަލް މޮޅުވީ ތަޖުރިބާގެ ބޭނުން ކޮށްގެން ކަމަށާއި އަދި އާސެނަލްއަށް މެޗުގެ ކުރީކޮޅުގައި ލަނޑުޖަހަން ލިބުނު ފުރުސަތު ތަކުގެ ބޭނުން ހިފިފައި ނުވާއިރު ކާޑިފް ސިޓީން މެޗުގައި ރަނގަޅު ޑިފެންސް ކުޅުމެއް ދައްކާފައިވާ ކަމަށެވެ.