02 Jan 2014, 11:14
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ އަރިހަށް އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝްރީ މެނަން ސިންހް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ދިއްލީގައި ހުންނަވާ ހޮޓެލްގައި އޮތް އެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. ޚާއްޞަކޮށް، ސެކިއުރިޓީ ދާއިރާ އިން އެގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައީސް މައުމޫންގެ ޒަޢާމަތުގައި އިންޑިޔާ އާއި ދިވެހި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެން ގޮސްފައިވާކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ރާއްޖޭގެ ކޯސްޓްގާޑުންދޭ ޚިދްމަތްތައް ތަރައްގީ ކުރުމަށް ޓަކައި އަދި ތަފާތު އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ޓަކައި ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި އިންޑިޔާ ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. ހަމައެޔާ އެކު ރާއްޖޭގައި ޕޮލިސް އެކަޑަމީ ތަރައްގީ ކުރުމުގައި ވެދެއްވި އެހީތެރިކަން ވެސް ފާހަގަކުރެއްވި ކަމަށެވެ.
އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު މެނަން ސިންހް ދެއްކެވި ވާހަކަފުޅުގައި ވާދަވެރި ރިޔާސީ އިންތިޚާބަކަށް ފަހު ރާއްޖޭގައި އަމާންކަމާއި ޞުލްޙަވެރިކަން ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅުތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވި އެވެ. އަދި މިސަރަޙައްދުގައި އަމަންއަމާންކަން ގާއިމުކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލައްވަމުން، ރާއްޖޭގެ ޑިފެންސްގެ ދާއިރާއަށާއި ޕޮލިސްގެ ދާއިރާއަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަށް އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.