ވޭތުވެދިޔަ 160 އަހަރުތެރޭގައި ދުނިޔޭގައި އެވްރެޖްކޮށް ހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ މިހިނގާ 2010 ވަނަ އަހަރުގައި ކަމަށް ކަމާބެހޭ ރިކޯޑްތަކުން ދައްކައިފިއެވެ. ދުނިޔޭގެ އެވްރެޖް ފިނހޫނު މިނުގެ ރެކޯޑްތައް ބަަލަހައްޓާ މައިގަނޑު ތިން އިންސްޓިޓިއުޓާ ޙަވާލާދީ ރޮއިޓާރސް ބުނިގޮތުގައި ވޭތުވެދިޔަ 160 އަހަރުތެރޭގައި ދެދުވަސްވަރެއްގައި ދުނިޔޭގެ ފިނިހޫނުމިނުގެ އެވްރެޖަށް ބަދަލު އައިސްފައިވެއެވެ. މީގެތެރެއިން އެއްދުވަސްވަރެއްގައި 0.8 ޑިގްރީއަށް ފިނިހޫނުމިނުގެ އެވްރެޖް މައްޗަށްގޮސްފައިވާއިރު 1961 އާއި 1990 އާދެމެދު މިއެވްރެޖް 0.5 ށް މައްޗަށް ގޮސްފައިވެއެވެ.


މިއަހަރުގެ ފިނިހޫނުމިނުގެ އެވްރެޖް ބަލާފައިވަނީ ވޭތުވެދިޔަ ނޮވެމްބަރ މަހާއި ޑިސެމްބަރ މަސް ނުހިމަނައެވެ. މިދެމަސް ނުހިމަނާ މިއަހަރުގެ އެވްރެޖަށްބަލާއިރު ވޭތުވެދިޔަ 160ް އަހަރުތެރޭގައި ދުނިޔޭގެ ފިނިހޫނުމިނުގެ އެވްރެޖް އެންމެ މައްޗަށް ގޮސްފައިވަނީ 2010 ވަނަ އަހަރުގައި ކަމަށް ކަމާބެހޭ ރެކޯޑްތައް ބުނެއެވެ. މިއަހަރު ފިޔަވައި ދެން ފިނިހޫނުމިނުގެ އެވްރެޖް އެންމެ މައްޗަށް ގޮސްފައިވަނީ 1998 އާއި 2005 ވަނަ އަހަރުއެވެ.


މޫސުމަށް އަންނަމުންދާ ބަދަލުތަކާގުޅިގެން ދުނިޔޭގެ ޖައްވު ހޫނުވަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަކީ ޙަޤީޤަތެއްކަން މިބަޔާންތަކުން ދޭހަވެއެވެ. ދުނިޔެ ހޫނުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމާބެހޭގޮތުން މެކްސިކޯގެ ކާންކޫންގައި މިދިޔަ ހަފްތާގައި ފެށުނު ބައްދަލުވުން މިދިޔަ ހުކުރުދުވަހުވަނީ އެއްބަސްވުމަކަށް ނައިސް ނިމިފައެވެ. މިދިޔަ އަހަރު ކޯޕަންހޭގަންގައި ބޭއްވި ތިމާވެއްޓާބެހޭ ސަމިޓުގައި ދުނިޔޭގެ ސަތޭކަ ސާޅީސް ޤައުމަކުންވަނީ ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ދެ ޑިގްރީ އަށް ދަށްކުރުމަށް އުސޫލެއްގެ ގޮތުން އެއްބަސްވެފައެވެ. ނަމަވެސް މިއީ ޤާނޫނީ ގޮތުން އެއަށް ޢަމަލުކުރުން ލާޒިމް އެއްބަސްވުމެއްނޫނެވެ.