ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ އަރިހަށް އިންޑިޔާގެ ފޮރިން ސެކްރެޓަރީ ސުޖާތާ ސިންހް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ގޮތްތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

އިންޑިޔާގެ ފޮރިން ސެކްރެޓަރީގެ ވާހަކަފުޅުގައި، ރައީސް މައުމޫންގެ ޒަޢާމަތުގައި، އިންޑިޔާ އާއި ދިވެހިރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައި ވަނީ، ވަރަށް ހަރުދަނާ ގުޅުމެއްކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ގުޅުން އޭރު ބިނާވެފައި އޮތީ، ފާހަގަކުރެވިފައިވާ މުހިންމު އުޞޫލުތަކެއްގެ މައްޗަށް ކަމުގައި ވިދާޅުވި އެވެ. އެ ރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހި ރާއްޖެ އާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިމިވާ ގުޅުން، ރައީސް ޔާމީންގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ފޮރިން ސެކްރެޓަރީ ސުޖާތާ ސިންހް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާއަކީ ދިވެހިރާއްޖޭގެ ވަރަށް ގާތް ރަޙްމަތްތެރިއެއް ކަމަށާއި އެގޮތުގައި އިންޑިޔާ އަބަދު ވެސް ދެމިއޮންނާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި އިންޑިޔާ އިން އަހަންމިއްޔަތުކަންދޭ ކަންތައްތަކަށް ރާއްޖެއިން ވެސް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.