02 Jan 2014, 10:52
ގައުމީ ޣީރަތްތެރިކަމެއް ނެތް ގައުމެއްގެ މިސާލަކީ، އުނގުރި ލުއްސާލާފައިވާ މަސްދޯންޏެއްގެ މިސާލު ކަމަށް ރާއްޖޭގެ ދާހިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދާހިލީ ވަޒީރު ވިދާޅުވީ، ތާރީހް އަޅުގަނޑުމެންނަށް އާކޮށްދޭ އުއްމީދަކީ "ދިވެހި ގައުމަކީ ދިރުން ހުރި، ހިރުންހުރި އަދި ކެރުން ހުރި ގަމެއް" ކަމަށާއި ގައުމެއްގައި ބަތަލުން އުފެދި އެ ބަތަލުންގެ ހިތުގައި ގައުމީ ލޯބީގެ ވިންދުތައް ޖަހަން ފަށަނީ ކީއްވެގެންތޯ އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ.
"ގައުމަށް އިހާނެތި ބަހެއް ބުނެވޭހިނދު، ގައުމުގެ އިމަށް ބަޔަކު އަރައިގަންނަހިނދު، އަދި ގައުމުގެ ތަރިކަތައް ނުހައްގު ގޮތުގައި ނިގުޅައިގަނެވި، ބަހާލެވޭހިނދު އެ ގައުމެއްގެ ދަރީންގެ ހިތްތަކުގައި ޣީރަތްތެރިކަން އުފެދެނީ ކީއްވެގެންތޯ؟ މިއީވެސް ކޮށްލަން ޖެހޭ ސުވާލެއް ކަމަށް އަޅުގަނޑު ދެކެން. ސަބަބަކީ ގައުމީ ޣީރަތްތެރިކަން ނެތް ރައްޔިތެއްގެ ގައުމު ދެމިއޮންނާނީ އުނގުރި ލުއްސާލާފައިވާ މަސްއޮޑިއެއް ފެންމަތީގައި އޮންނަހާ ކުޑަ ހިނދުކޮޅަކު،" ދާހިލީ ވަޒީރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމީ ޣީރަތްތެރި ކަމަކީ، "ތިޔައިގެ އެއްވެސް ބޭފުޅެއްގެ ލޯބިވާ މަންމައާ ދިމާއަށް މީހަކު ދެރަބަހެއް ބުނީމާ ނުވަތަ މަންމައާ މެދު އިހާނެތި އަމަލެއް ހިންގީމަ، އެވަގުތު އެކަމުގައި ނުރުހޭ ނުރުހުން،" ކަމަށެވެ.
"ހަމަ އެފަދައިން މި ލޮބުވެތި ދިވެހި ފަސްގަނޑަށް އަޅުގަނޑުމެން ލޯބިކުރަން ޖެހޭ. މިގައުމަށް އައިބުބަހެއް ބުނެވޭހިނދު، ނުވަތަ އިވޭހިނދު އިހްތިޔާރަކާނުލައި ކަރުން ނާރު އުފުލެން ޖެހޭ. މިގައުމަށް އިއްޒަތްތެރި ރީތި ނަމެއް ލިބޭހިނދު، އުފާވެރިކަމުގެ ކަރުނަ ދެލޮލުން ފޫދެންޖެހޭ. ތިމާ ދަތުރުކުރާ އުޅަނދުގައި ހުންނަ ދިވެހި ދިދަ ހަސްނެތުމުގެ ކުރިން އެދިދަ ބަދަލުކޮށްލަން ޖެހޭނެ. ތިމާއަށް ބާރުފޯރާ ހިސާބެއްގައި ދިވެހި ގައުމީ ދިދައިގެ މައްޗަށް އެހެން ދިދައެއް އުފުލުނަ ދީގެން ނުވާނެ. ގައުމުގެ އަބުރާ އިއްޒަތައް ކިލަނބުކަމެއް އަންނަ އެއްވެސް ކަމަކަށް ޖާގަދީގެން ނުވާނެ. އަދި އަމިއްލަ ގައުމު ފަޟީހަތްކޮށްގެން ނުވާނެ،" ދާހިލީ ވަޒީރު އުމަރު ނަސީރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ގައުމީ ޣީރަތްތެރިކަމެއް އަށަގަންނާނީ، ގައުމީ ލޯތްބާއި ވަޒަނުގެ ކުލުނު ވަޒަންކުރަން އެނގިގެން ކަމަށާއި ގައުމީ ލޯބީގެ އޮށަކީ ޝައްކެއް ވެސް ނެތްގޮތުގައި ދިވެހި ގައުމިއްޔަތު ކަމަށެވެ.
"އެ ގައުމިއްޔަތު އޮތްތަނަކުން ހޯދައިގެން ގެންސް ދިވެހި ކޮންމެ ދަރިއެއްގެ ހިތުގައި މުޑުވައްކުރުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް ގައުމީ ވާޖިބެއް،" އުމަރު ވިދާޅުވި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅުދައްކަވަމުން ދާހިލީވަޒީރު އިތުރަށް ވިދާޅުވީ، ދިވެހި ބަރުލަމާނީ ހަޔާތުގެ އެއް ތަނބު ކަމުގައިވާ އަލްމަރުހޫމް އިބްރާހީމް ޝިހާބު ވިދާޅުވަފައިވާ ފަދައިން، "ގައުމުގެ ގައުމިއްޔަތުގެ ބާރު އެންމެ ގަދަކުރާ އަސާސަކީ ދީނާއި ނަސްލުގެ އިއްތިހާދު" ކަމަށާއި އެކަމުގެ "އެހީތެރިންކީ ބަހާއި އަދަބާއި ރިވެތި ދިރިއުޅުމުގެ އާދަކާދައިގެ އެއްގޮތްކަން" ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންގެ ތެރޭގައި ދީނީ ބައިބައިވުމެއް އުފެދުނަސް، ސަގާފީ ފަރިފަރިވުމެއް އުފެދުނަސް އޭގެ ސަބަބުން ދިވެހިންގެ ވަހުދަތު ގެއްލިގެން ހިނގައިދާނޭ ކަމަށާއި އެފަދަ ކަންކަމުގެ ސަބަބުން ދިވެހިންގެ އަމާންކަމާއި ރައްކާތެރިކަން ނެތިގެން ހިނގައިދާނޭތީ މިފަދަ ކަންކަމަކީ އިހްމާލުވެގެން ދޫކޮށްލެވެން އޮތްކަންތައްތަކެއް ނޫންކަމަށެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ގައުމެއް ކުރިއަރައިދާ ކަންތައްތަކުގެ ތެރޭގައި އަމިއްލަ މައިކަށީގެ ހަކަތަ ބޭނުންކުރުމާއި ބޭރުގެ ބާރުތަކަށާއި ބިދޭސީ މައްސަކަތްތެރިންނަށް ބަރޯސާވެ، ކަންނެތްވެފައި ނުތިބުން ހިމެނެ އެވެ.
"ދިވެހި އޮޑިތަކުގައި އަމިއްލައަށް ފެހިކެހި ކާބަފައިންގެ ޒުވާން ދަރިން އެޒުވާނުންގެ އަމިއްލަ ސައިކަލުން ހިރަފުސް ފޮޅާނުލެވި އެކަމަށް ވެސް ބިދޭސީއެއްގެ އެހީ ބޭނުންވާންވީ އެއްވެސް ސަބަބެއް ނޯންނާނެ. އާދެ! ޒަމާނީ އިލްމާއި ޓެކްނޯލޮޖީގެ އެހީގައި ފަންނީ ދާއިރާތަކާއި ޕްރޮފެޝަންލް ދާއިރާ ތަކުގައި ދިވެހި ލޭހިނގާ ދިވެހިންގެ ހިދުމަތް މިގައުމަށް ތައާރަފް ކުރަން ވެއްޖެ. ދިވެހިން ވިޔާނުދާ ކަންކަމުގައި އެކި ކަންކަމަށް ބިއްޖެހިފައި ތިބުމުގެ ބަދަލުގައި ހަރުދަނާ މަސައްކަތްތަކަށް ހިތްޖެހިފައިވާ މުރާލި ބަޔަކަށް ވާންވެއްޖެ،" އުމަރު ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއަދު އަޅުގަނޑުމެންގެ ގައުމިއްޔަތާއި މިނިވަންކަން ނަގާލަން މަސައްކަތްކުރާ ފަރާތްތަކުން "ހުރިހާ އުންޑައެއް އަމާޒުކުރަނީ ގައުމުގެ ރައްޔިތުންގެ ފިކުރަށް، އެމީހުންގެ ވިސްނުމަށް. އިސްލާމީ ގައުމުތަކުގައި ނަމަ ރައްޔިތުންގެ އަގީދާއަށް" ކަމަށާއި ވަކިން ހާއްސަކޮށް ގައުމީ އެއްބައިވަންތަކަމަށް ކަމަށެވެ. އެހެން ކަމުން އެއްވެސް ދިވެއްސަކު "ފިކުރީ ހަނގުރާމައިގެ އަސީރަކަށް ވެގެން ނުވާނެ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ފިކުރީ ހަނގުރާމައިގެ އަޅަކަށް ދިވެހި ދަރިޔަކު ވުމަކީ، ދިވެހި އުންމަތުގެ ހަށިގަނޑުގައި ކެންސަރުގެ ސެލްއެއް އުފެދުން ކަހަލަ ކަމެއް. އެއީ ބޮޑު ނުރައްކަލެއް. ދިވެހިންގެ އަގީދާ ބަދަލުކޮށްލައި، ދިވެހިންގެ އެއްބައިވަންތަކަމުގެ ބިންގާތައް ފުނޑުފުނޑުކޮށްލައި، މުޅި ދިވެހި އުންމަތް ވިއްސި ވިހާލިކޮށްލުމުގެ ހަނގުރާމައެއް ކުރެވެމުން އެބަދޭ،" ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ދާހިލީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި އެވެ.