02 Jan 2014, 10:50
މީހުން ދިރިއުޅޭ ރަށްތަކުގައި ބިނާކޮށްފައިވާ މިސްކިތްތަކާއި ނަމާދުގެތައް އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު އިޖުތިމާއީ ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވައިފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކުރިން ހުރި މިސްކިތްތައް މިހާރު ބަލަހައްޓަނީ ކައުންސިލްތަކުންނެވެ. އަދި މުދިމުންނާއި އިމާމުން ވެސް މިސްކިތްތަކަށް މިހާރު ހަމަޖައްސަނީ ކައުންސިލްތަކުންނެވެ.
ނަމަވެސް ޖޫން 7، 2010ގައި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ވަނީ މިސްކިތްތައް ބެލެހެއްޓުމުގެ ބާރު އިސްލާމިކް މިނިސްޓްރީއަށް ލިބިދޭ ގޮތަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. އެ އިސްލާހު ކޮމެޓީން ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން 2012 ވަނަ އަހަރު މެމްބަރުން ވަނީ އެ ބިލް އަނބުރާ ވަނީ ކޮމެޓީއަށް ފޮނުވާލާފަ އެވެ.
ނަމަވެސް މިދިޔަ މަހު އިޖުތިމާއީ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން އެ ބިލް ވަނީ އަލުން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ.
ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައި ވަނީ ދީނީ ޝިއާރު ފާޅުކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތެއް ކަމަށެވެ. މުދިމުންނާއި އިމާމުންނާއި ހަތީބުން އަދި ދީނީ ޝިއާރު ފާޅުކުރުމުގައި އިސްވެ އުޅެންޖެހޭ މަގާމުތަކުގައި ތިބޭ މީހުން އަޅުކަން ކުރުމުގައި ތަބާވާންޖެހޭނީ "ސުންނަތްޖަމާއަތަށް" ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ދީނީ ތަގުރީރުކޮށް، ދީނީ ނަސޭހަތް ދީ، އަދި ދީނީ ފޮތް ޝާއިރު ކުރެވޭނީ އިސްލާމިކް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަމަށް ލާޒިމް ކުރާ އެ ބިލުގައި ވަނީ ދީނީ ފިތުނައަކަށް މަގުފަހިވާ ފަސް ކަމެއް ކުރުން މަނާކޮށްފަ އެވެ.
ޖަމާއަތް ހަދައިގެން ނަމާދު ކުރުމާއި ހުކުރު ކުރުމަށް ހުއްދަ ނުދޭ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ހުކުރު ކުރުމާއި ހުކުރު ހުތުބާ ފެށޭ ގަޑި އެއްގޮތް ނުވާ ފަދަ އުސޫލަކުން އެކި ގަޑިތަކުގައި ހުކުރު ހުތުބާ ކިޔަން ފެށުމާއި އުސޫލުތަކާ ހިލާފަށް ދީނީ ތަގުރީރު ދިނުން ވެސް އެ ބިލުގައި ވަނީ މަނާކޮށްފަ އެވެ.
އިސްލާމް ދީން ފިޔަވައި އެހެންދީންތަކުގެ އަޅުކަން ކުރާނެ ތަންތަން ހެދުމާއި އެހެން ދީންތަކުގެ ޝިއާރު ކަމަށް ބެލެވޭ ބެލެވޭ ތަކެތި ވިއްކުމާއި ގެންގުޅުމާއި އިޝްތިހާރު ކުރުމާއި އެހެންދީންތައް ރާއްޖޭގައި ފެރުމަށް އެހީ ހޯދައި ލިބިގަތުމަކީ ވެސް ދީނީ ފިތުނައަކަށް މަގުފަހިވާ ކަންތައްތައްކަމަށް ބިލުގައި ބަޔާންކުރެ އެވެ. އަދި އެއީ މަނާކަމެއް ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
މިހާރު އަމަލު ކުރަމުންދާ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަކީ ޖުލައި 3، 1994 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނެވެ. އެ ގާނުގައި ބޮޑެތި ބާރުތަކެއް ދީފައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހަށެވެ. ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވަނީ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލިސް އުވާލައްވައި އިސްލާމިކް މިނިސްޓްރީ އުފައްދަވާފަ އެވެ.
މިސްކިތްތައް ބެލެހެއްޓުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައިވުމުން "ބާރުތައް ނަހަމަގޮތުގައި" ކައުންސިލްތަކުން ބޭނުން ކުރަމުންދާތީ މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.