02 Jan 2014, 10:40
މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު ގައުމީ މަސައްކަތަކީ އިގްތިސާދު ނަގައި ކޮޅަށްޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުޚާތަބުކުރައްވައި ޓީވީއެމް މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިގްތިސޯދު ކޮޅަށް ނަގައި ތަނަވަސްކަމުގެ އާ ޒަމާނަކަށް ރާއްޖެ ގެންގޮސްދިނުމާއި އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމައުއެއް ބިނާކުރުމަކީ މިއަދު ހާސިލްކުރަން ޖެހިފައިވާ އެންމެ މުހިންމު ކަންތައް ކަށެވެ.
ރައީސް ވިދާޅުވީ އެކަންކަން ހާސިލްކުރުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ފަސްޖެހުމެއް ނެތި މި ސަރުކާރުން ކުރާނެ ކަމަށާއި ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހެދުމަށް އެމަނިކުފާނު ގެންގުޅުއްވާ އަޒުމު ގުޑުވައިލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މިއަދު ޤައުމަށް ކުރިމަތިވެފައިމިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދީ، ރައްޔިތުންގެ އުންމީދުތައް ޙަގީގަތަކަށް ހެދުމުގައި އަޅުގަނޑުގެ ޢަޒުމު ގުޑުވައެއް ނުލެވޭނެ. އަދި މި މަސައްކަތް ކާމިޔާބުކުރުމަށް ޓަކައި ކިތަންމެ ގަދަ ސިޔާސީ ކަނޑެއްގައި ދަތުރުކުރަން ޖެހުނަސް، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން، ދިވެހި ރައްޔިތުންނާއި ގައުމަށް ޓަކައި އެ ދަތުރެއްކުރާނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަމާއި އިގްތިސޯދީ ނުތަނަވަސް ކަމާއި ޒުވާނުންގެ އުދާސްތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރަށް ފުރުސަތު ދެއްވުމަށް ރައީސް ޔާމީން ވަނީ ސިޔާސީ ވާދަވެރިންނަށާއި އެންމެހާ ފަރުދުންނަށް ގޮވާލައްވާފަ އެވެ.
ގައުމަށް ދިމާވާ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމުގައި ވެސް ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުމެއް އެރިޔަ ނުދީ އިސްލާމްދީނާއި ގައުމިއްޔަތު ހިމާޔަތްކުރުން އެއީ އެންމެ މުހިންމު ވާޖިބު ކަމަށް ދެކެވަޑައިގަތުމަށް ރައީސް ވަނީ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ސިޔާސީ މަގުސަދެއްގައި ނޫން ނަމަ ތިމާ އެދޭ ނަތީޖާއެއްގެ އެދުމުގައި މުޅި ގައުމުގެ އަމާންކަން ނަގާލަން ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ގައުމިއްޔަތަށް ގޮންޖަހައި މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާ ފަދަ އަމަލުތައް ހިންގުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.
ތަރައްގީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތްތައް ކުރަމުންދާއިރު ވެސް ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި ތަރައްގީއަށް ޓަކައި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށް ބުރޫ އެރިޔަދީގެނެއް ނުވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެފަދަ އަމަލުތައް ހިންގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ދެވޭ ފަދަ ގޮތަކަށް އަމަލުކުރަމީ ވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ވާޖިބުތައް އެމަނިކުފާނު އަދާކުރައްވަމުން ގެންދަވާނީ ވަކީ މީހަކު ތަފާތުކުރުމެއް ނެތި ހަމަހަމަކަމާ އެކު ކަމަށާއި ރާއްޖެ އަށް މިއަދު ކުރިމަތިވެފައި މިވާ ބޮޑެތި ގޮންޖެހުންތައް ހައްލު ކުރުމުގައި އަދުލުވެރިކަމާ އެކު މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނެ ކަމަށެވެ.
"އަދި ރައްޔިތުންނަށް އޯގާތެރި އަދި އަޅާލައި، ރައްޔިތުން ލޯބިވާ ފަދަ ސަރުކާރަކަށް މި ސަރުކާރު ހެދުމާ އެކު، ޤައުމަށް ހަމަޖެހުން ގެނެސް، ރައްޔިތުން ބޭނުންވާ ބަދަލުތައް ހަލުވިކަމާއި އަވަސްކަމާ އެކު ގެނެސް، ރާއްޖެ ތަރައްގީގެ އާ ޒަމާނަކަށް ގެންގޮސްދިނުމުގެ ފުރިހަމަ ޔަޤީންކަމާ އެކު." ރައީސް ވިދާޅުވި އެވެ.