02 Jan 2014, 10:07
އަންކަރާ (ޖަނަވަރީ 2): ތުރުކީގެ ހަމަޖެހުމާއި ސުލްޙަ ނަގާލައި އިޤްތިސާދީ ތަނަވަސްކަމާއި ފާގަތިކަން ހަލާކުކޮށްލުމުގެ ރޭވުންތަކެއް އެގައުމުގެ ރައްޔިތުންނާ ކުރިމަތިވަމުންދާ ކަމުގެ އިންޒާރު ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ދެއްވައިފި އެވެ.
މީލާދީ އައު އަހަރުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީއޭނާގެ ޒަޢާމަތުގައި ތުރުކީއަށް ލިބިފައިވާ ސިޔާސީ ހަމަޖެހުމާއި އިޤްތިސާދީ ތަނަވަސްކަމާ މެދު ބޭރުގެ ބައެއް ފަރާތްތަކުން ހަސަދަވެރިވާ ކަމަށާއި އެހެންކަމުން ތުރުކީގައި ހަމަނުޖެހުން އުފައްދައި އެއްބައިވަންތަކަން ނަގާލައިގެން ހަމަޖެހުމާއި ސުލްޙަ ނަގާލައި އިޤްތިސާދީ ތަނަވަސްކަމާއި ފާގަތިކަން ފަނާކޮށްލުމަށް ބޭރުގެ ބައެއް ފަރާތްތައް އަޑީގައި ތިބެގެން އެތެރޭގެ އެޖެންޓުންތަކެއް ލައްވައި ތުރުކީ ހަލާކުކޮށްލަން މަސައްކަތް ކުރަމުން ގެންދާކަމުގަ އެވެ.
ސޫރިޔާ އާއި މިސްރާއި ލީބިޔާ އަދި ޢިރާޤު ފަދަ ބައެއް ޢަރަބި ގައުމުތައް ހަލާކުކޮށްލުމަށް ރޭވި ފަދަ ރޭވުންތަކެއް ތުރުކީ ހަލާކުކޮށްލުމަށް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމަށް އެގައުމުގެ ބައެއް ނޫސްތަކުންވެސްވަނީ ބުނެފަ އެވެ. މިކަމަށް އިޝާރާތް ކުރައްވައި މިދިޔަ އަހަރުގެ ފަހުކޮޅު ވެސް އުރުދުޣާން ވަނީ ވާހަކަ ދައްކަވާފަ އެވެ. އެ ދުވަސްވަރު އުރުދުޣާން ވިދާޅުވެފައި ވަނީ ތުރުކީއޮތީ ދިގުލީ ޚުދުމުޚްތާރު ވެރިކަންތަކެއް ކޮށްފައިވާ ސޫރިޔާއާއި މިސްރާއި ލީބިޔާ އަދި ޢިރާޤު ފަދަ ގައުމުތައް އޮތް ހާލަތުގައި ނޫންކަމަށާއި އެހެންކަމުން ޑިމޮކްރަސީ ގެނައުމާއި އިންސާނީ ހައްގުތަކުގެ ނަމުގައި ހަމަނުޖެހުން އުފެއްދުމަށް ތުރުކީގައި ތަންނެތް ކަމުގަ އެވެ.
ތުރުކީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވަމުން އުރުދުޣާން ވަނީއޭނާގެ އިސްލާމީ ފިކުރުގެ ޒަޢާމަތުގައި ގައުމަށް ލިބިފައިވާ ސިޔާސީ ހަމަޖެހުމާއި އިޤްތިސާދީ ތަނަވަސްކަމާ މެދު ބޭރުގެ ބައެއް ފަރާތްތަކުން ހަސަދަވެރިވާ ކަމަށްވެސް ތުހުމަތު ކުރައްވާފަ އެވެ. ތުރުކީގެ އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތްކުރަނީ އުރުދުޣާންގެ ސަރުކާރުގައި ކޮރަޕްޝަން އިންތިހާއަށް ބޮޑުކަމަށް ބުނެ އެކަމާދެކޮޅަށް އަޑުއުފުލަމުންނެވެ. މިއީ ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރުން ކަމަށް އުރުދުޣާން އާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ދެކެ އެވެ. ތުރުކީގެ އިދިކޮޅު ލާދީނީ ޚިޔާލުގެ ފަރާތްތަކުން މިދިޔަ އަހަރު ވަނީ އިންތަންބޫލްގެ ގާޒީ ޕާކް މަޝްރޫޢުގެ މައްސަލަ ބަހަނާއަކަށް ހަދައިގެން އެގައުމުގައި ހަމަނުޖެހުން އުފައްދަންވެސް މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެކަން ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ.
އަނެއް ކޮޅުން ތުރުކީގައި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރިހާ ރައްޔިތުން އިހްތިރާމް ކުރުމަށް އެގައުމުގެ ރައީސް އަބްދުﷲ ގުލްވެސް ވަނީ ގޮވާލައްވާފަ އެވެ. މީލާދީ އައު އަހަރުގެ މުނާސަބަތުގައި ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބެއްގައި ގާނޫނުތަކާއި ގަވާއިދުތަކަށް އިހްތިރާމް ކުރުމުގެ އިތުރުން ރައްޔިތުންގެ އެއްބައިވަންތަކަމާއި ވަހްދަތު ދެމެހެއްޓުމަށް ވެސް ރައީސް ޢަބްދުﷲ ގުލް ގޮވާލައްވާފައިވެ އެވެ. މިކަންތައްތަކަށް އިހުމާލު ވެވޭނަމަ ތުރުކީއަށް ލިބިފައިވާ ސިޔާސީ ހަމަޖެހުމާއި އިގްތިސާދީ ތަނަވަސްކަމާއި ތަރައްޤީ އާއި މަދަނިއްޔަތު ވިއްސިވިހާލިވެ ހަމަނުޖެހުމާއި ފަގީރުކަން ތަހައްމަލުކުރަން ޖެހޭ ގައުމަކަށް ތުރުކީ ވެގެން ދިޔުމުގެ ބިރުއޮތް ކަމަށްވެސް ރައީސް އަބްދުﷲ ގުލް ވިދާޅުވި އެވެ.(ނޫސްއެޖެންސީތައް)