02 Jan 2014, 09:59
އިސްލާމް އާބާދު (ޖަނަވަރީ 2) : ޕާކިސްތާނުގެ ކުރީގެ ރައީސް އަދި ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ޕަރްވޭޒް މުޝައްރަފާ ދެކޮޅަށް ދައުލަތުން އުފުލާފައިވާ ގައުމަށް ޚިޔާނާތްތެރިވުމުގެ ދައުވާގެ ޝަރީޢަތާބެހޭ ގޮތުން މިހާރުގެ ބޮޑު ވަޒީރު މުހައްމަދު ނަވާޒް ޝާރީފް ބަސްވިދާޅުވެފައި ވާތީ އެ ޝަރީޢަތް އިންސާފުވެރި ނުވާނެ ކަމަށް މުޝައްރަފްގެ ގާނޫނީ ޓީމުން ބުނެފި އެވެ.
މުޝައްރަފްގެ މައްޗަށް ކުރެވޭ ޝަރީޢަތުގެ ފުރަތަމަ އަޑުއެހުން އިއްޔެ ބޭއްވިއިރު،އޭނާގެ މައްޗަށް ކުރެވިފައި ވަނީ 2007 ވަނަ އަހަރު ޕާކިސްތާނުގެ ރައީސް ކަމުގައި ހުންނަވައިގެން ޕާކިސްތާނުގެ ޤާނޫނު އާސާސީއަށް އަމަލުކުރުން ހުއްޓާލުމަށް އަމުރުކުރެއްވުމާއި ގާނޫނާ ޚިލާފަށް ކުއްލި ހާލަތު އިއުލާނުކުރެއްވި ކަމުގެ ތުހުމަތެވެ. ގާނޫނު އަސާސީގެ ބާރުކަނޑުވާލުމަކީ ގައުމަށް ޚިޔާނާތްތެރި ވުމުގެ ޢަމަލެކެވެ. މުޝައްރަފްގެ މައްޗަށް ކުރާ ޝަރީއަތުގެ މި އަޑުއެހުމަށް އޭނާ ހާޒިރުވެވަޑައެއްނުގެންނެވި ނަމަވެސް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމު ހާޒިރުވެ ޖަވާބު ދާރީވި އެވެ.
މުޝައްރަފުގެ ގާނޫނީ ޓީމުގެ ވަކީލަކު ވިދާޅުވެފައި ވަނީ ޕާކިސްތާނުގެ ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާމެދު މުޝައްރަފް އޭނާގެ ވެރިކަމުގައި ކަންތައް ކުރައްވާފައިވާ ގޮތުންޝަރުޢީ ދާއިރާ ވެސް މުޝައްރަފާ މެދު އިންސާފުވެރި ވާނެކަމަށް ނުބެލެވޭ ކަމުގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ބައެއް އެހެން ކޯޓުތަކުގެ އިސް ފަނޑިޔާރުން މުޝައްރަފްގެ ޢަމަލުތަކުގެ ސަބަބުން އޭނާއާ މެދު ޒާތީގޮތް ގެންގުޅެފާނެ ކަމަށް މުޝައްރަފްގެ ގާނޫނީ ވަކީލުން ދެކެވަޑައިގަންނަވަ އެވެ.
މުޝައްރަފްގެ ވެރިކަމުގައި އޭނާ ވަނީ ވެރިކަމުގެ ބާރުތައް ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައިގެން ބައެއް ފަނޑިޔާރުން މަގާމުން ދުރުކޮށްފަ އެވެ. މީގެތެރޭގައި އުއްތަމަ ފަނޑިޔާރު އިފްތިޚާރު ޗައިދަރީ ހިމެނިވަޑައިގަންނަވަ އެވެ. މުޝައްރަފްގެ މައްޗަށް ގައުމަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވެއްޖެ ނަމަ އޭނާއާ ދެކޮޅަށް މަރުގެ ހުކުމް އިއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)