ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލި އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓް ކުރުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން އަލުން ދީފި އެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އިން ބުދަ ދުވަހު ނެރުނު ނޯޓިފިކޭޝަނެއްގައި ބުނެފައިވަނީ، އެގައުމާއި ރާއްޖެއާ ދެމެދު ވެފައިވާ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން 2011 ވަނަ އަހަރުގެ ޖޫންމަހު ރާއްޖެއަށް ވަކި އަދަދަކަށް ހިލައާއި ހިލަވެލި އެކްސްޕޯޓް ކުރުމަށް ދޫކޮށްފައިވާ ހުއްދަ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަކިގޮތެއް އަންގަންދެން ހުއްޓާލާފައި އޮތް އޮތުން މިއަދުން ފެށިގެން ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

"އެހެންކަމުން ރާއްޖެއަށް ހިލައާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ހުއްދަ މިއަދުން ފެށިގެން އަލުން ދީފީމެވެ،" އިންޑިއާގެ ޑިޕާޓްމަންޓް އޮފް ކޮމާސްއިން ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާނީ، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގޮތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އަލުން ހިލައާއި ހިލަވެލި އެކްސްޕޯޓް ކުރުމަށް ހުއްދަދީފައި ވަނީ 2011 ވަނަ އަހަރުގެ ޖޫންމަހު ނެރެފައިވާ ނޯޓިފިކޭޝަންގައި ވާގޮތުގެ މަތިން ކަމަށެވެ.

އިންޑިއާގެ ޑިޕާޓްމަންޓް އޮފް ކޮމާސްއިން ކުރިން ހުއްދަދީފައި ވަނީ އެގައުމުން ރައްޖެއަށް 2011-12 އަށް 5 ލައްކަ މެޓްރިކްޓަނުގެ ހިލައާއި ހިލަވެލި، 2012-13 އަށް 5.5 ލައްކަ މެޓްރިކްޓަނުގެ ހިލައާއި ހިލަވެލި، އަދި 2013-14 އަށް 6 ލައްކަ މެޓްރިކްޓަނުގެ ހިލައާއި ހިލަވެލި ދޫކުރުމަށެވެ.

ރާއްޖެއަށް ބޭނުންވާ ހިލައާއި ހިލަވެލި ލިބުމުގައި މިދިޔަ އަހަރު ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނުއިރު އެ ބާވަތްތައް ރާއްޖެއަށް އެތެރެކުރާ ބޮޑެތި ކުންފުނިތަކުން ވަނީ، ބޭރުގެ އެހެން ގައުމުތަކުން ވެސް ރައްޖެއަށް އެތަކެތި އިމްޕޯޓްކުރުމަށް ތަފާތު މަސައްކަތްތަކެއް ކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން ބުދަދުވަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އިންޑިއާ ސަރުކާރާއެކު މަޝްވަރާކުރެވޭ ކަންތައްތަކުގެ ތެރޭގައި ރާއްޖެއަށް ހިލައާއި ހިލަވެލި ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރަށްވާނޭ ކަމަށެވެ.