01 Jan 2014, 23:58
ދެކުނު ސޫދާނުގެ ސަރުކާރާއި، އިދިކޮޅު ލީޑަރަށް ވަފާތެރި ހަނގުރާމަވެރީންނާ ދެމެދުގައި ސުލްހައިގެ ވާހަކަތައް ވަރަށް އަވަސް މުސްތަގުބަލެއްގައި ފެށޭނެ ކަމަށް އެ ގައުމުން ލިބޭ ޚަބަރުތައް ބުނެފިއެވެ.
ސުލްހައިގެ ވާހަކަތަކުގެ ބައްދަލުވުންތައް އޮންނާނީ އަވަށްޓެރި ޙަބަޝާ ނުވަތަ އިތިއޯޕިއާގައެވެ.
ސުލްހައިގެ މޭޒުދޮށަށް ދާން ދެ ފަރާތުން އެއްބަސް ވި ނަމަވެސް، އަދިވެސް ސޫދާނުގައި ހަމަނުޖެހުންތައް ހުއްޓުމަކަށް ނާދެއެވެ. ރައީސް ސަލްވާ ކީރުގެ ސަރުކާރަށް ވަފާތެރި ސިފައިންނާއި، އިދިކޮޅު ލީޑަރު ރިއެކް މަޝާރަށް ވަފާތެރި ސިފައިންގެ މެދުގައި ވަރުގަދަ ކުރިމަތިލުންތައް ހިނގަމުން ދާ އިރު، ދެ ބޭފުޅުންނަށް ތާއީދު ކުރާ ހަތިޔާރު އެޅި ޖަމާއަތްތަކުގެ ދެމެދުގައި ވެސް ހަމަލަތައް ދަނީ ބަދަލު ކުރެވެމުންނެވެ.
ދެކުނު ސޫދާނުގައި ހަމަނުޖެހުންތައް ފެށުނީ މީގެ ދެ ހަފުތާއެއްހައި ދުވަސް ކުރީންނެވެ. ހަމަނުޖެހުންތަކުގެ އަސްލަކީ ރައީސް ކީރް، އޭނާގެ ނާއިބުކަމުން މަޝާރް ވަކި ކުރެއްވުމެވެ. ނާއިބު ރައީސްކަމުން މަޝާރް ވަކި ކުރެވުމާ ގުޅިގެން، އޭނާއަށް ވަފާތެރި ސިފައިން ސަރުކާރާ ދެކޮޅަށް ދޭން ފެށި ހަމަލަތައް ފަހުން ވަނީ މުޅި ގައުމަށް އާއްމު ވަމުންދާ ވަރުގަދަ ދާޚިލީ ހަނގުރާމައެއްގެ ސިފަ އިޚުތިޔާރު ކޮށްފައެވެ.
ހަމަނުޖެހުންތަކުގައި މިހައިތަނަށް 1000 މީހުން މަރު ވެފައި ވާ އިރު، 121600 މީހުން ގެދޮރު ނެތިފައި ތިބި ކަމަށް ޚަބަރުތައް ބުނެއެވެ.
ދެކުނު ސޫދާނަށް ސުލްހަވެރިކަން ގެނެސް ލޭއޮހޮރުވުންތަކަށް ނިމުމެއް ގެނައުމަށް ޓަކައި، އިރުމަތީ އެފްރިކާގެ ގައުމުތަކުގެ ލީޑަރުން ގެންދަވަނީ ޑިޕްލޮމެޓިކް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެފްރިކާގެ އިއްތިހާދުގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދެވޭ މި މަސައްކަތުގައި އަމަލީގޮތުން އިސް ދައުރެއް އަދާ ކުރަނީ ޙަބަޝާގެ ސަރުކާރެވެ. ޙަބަޝާ އަކީ ވެސް ދެކުނު ސޫދާނެކޭ އެއްފަދައިން، ކްރިސްޓިއަން ދައުލަތެކެވެ.
ޔުގާންޑާގެ ރައީސް ޔޮވޭރީ މުސެވީނީ ހޯމަ ދުވަހުވިދާޅުވީ ހަނގުރާމަ ހުއްޓައިލައި ސުލްހައިގެ މޭޒުދޮށަށް އަންނާން ދެކުނު ސޫދާނުގެ ބާޣީން އިންކާރު ކުރާ ނަމަ، އެމީހުންނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅޭނެ ކަމަށެވެ.
ދެކުނު ސޫދާނުގެ ވެރިރަށް ޖޫބާގައި ހުންނަވާ ބީބީސީގެ ކޮރެސްޕޮންޑެންޓް ޖޭމްސް ކޮޕްނާލް ވިދާޅުވި ގޮތުގައި، ފިއްތުންތަކަށް ދީލައިލައްވާން އިދިކޮޅު ލީޑަރު މަޝާރު ވަނީ ނިންމަވައިފައެވެ. ކޮޕްނާލް ވިދާޅުވި ގޮތުގައި، މަޝާރުގެ ސިޔާސީ ހަލީފުން ޖަލުން ދޫކޮށްލުން ފަދަ ބައެއް ކަންކަން ސަރުކާރުން ކުރުމުގެ ކުރީން ސުލްހައިގެ ވާހަކަތަކުގައި ބައިވެރި ވެވަޑައިނުގަންނަވާނެ ކަމަށް މަޝާރު ކުރީން ވިދާޅު ވެފައި އޮތަސް، މިހާރު އޭނާ ވަނީ އެއްވެސް ޝަރުތެއް ނެތި ސުލްހައިގެ މޭޒުދޮށަށް ވަޑައިގަންނަވާން އެއްބަސް ވެވަޑައިގެންފައެވެ.
ސުލްހައިގެ މޭޒުދޮށަށް ވަފުދެއް ފޮނުއްވާން މަޝާރު އެއްބަސް ވެވަޑައިގަތަސް، އޭނާ ވިދާޅުވެފައި ވަނީ ވާހަކަދެއްކުންތަކުގެ އިބްތިދާއީ ފިޔަވަހި ކާމިޔާބުކަމާ އެކު ނިންމައިލެވުމުން މެނުވީ، އޭނާއަށް ވަފާތެރި ހަނގުރާމަވެރީންނަށް ހަތިޔާރު ބަހައްޓާން އަމުރު ނުކުރައްވާނެ ކަމަށެވެ.
ކުރީން ހަމަޖެހިފައި އޮތީ ސުލްހައިގެ ވާހަކަތައް އިއްޔެ ފެށުމަށެވެ. ނަމަވެސް އިއްޔެ ވާހަކަތައް ފެށޭ ގޮތް ވެފައި ނުވާ އިރު، ޙަބަޝާގެ އޮފިޝަލުން ވިދާޅުވެފައި ވަނީ ވާހަކަދެއްކުންތައް މިއަދު ފެށޭނެ ކަމަށެވެ. ދެކުނު ސޫދާނަށް އަލިފުދާލުން ކަނޑައަޅައިފައި ހުންނެވި ޚާއްސަ މަންދޫބު ހިލްޑޭ ޖޯންސަން ވިދާޅުވީ، ވާހަކަދެއްކުންތައް އެއް ދުވަހަށް ލަސް ކުރާން ޖެހުނީ "އިންތިޒާމީ ސަބަބުތަކާ ހުރެ" ކަމަށެވެ.