01 Jan 2014, 23:56
މެދުތެރޭ ޔޫރަޕުގެ ގައުމެއް ކަމަށް ވާ ޗެކް ރިޕަބްލިކްގައި ހުންނަ ފަލަސްޠީނުގެ މިޝަނުގެ އިސްވެރިޔާ ޖަމާލުލް ޖަމާލު ދިރިއުޅުއްވާ ގެކޮޅުގައި ދިން ޓެރަރިސްޓް ހަމަލާއެއްގައި އޭނާ ވަރަށް ބޮޑަށް ޒަޚަމް ވެވަޑައިގެން، ހަސްފަތާލުގައި އެނދުމަތި ކުރެވި ފަރުވާ ދެވެމުން ދަނިކޮށް އަވަހާރަ ވެއްޖެއެވެ.
ޗެކް ރިޕަބްލިކްގެ ވެރިރަށް ޕްރާގުގައި، މަންދޫބު ޖަމާލުލް ޖަމާލު ދިރިއުޅުއްވާ ގެކޮޅުގައި ހަމަލަ ދީފައި ވަނީ ބޮމެއް ގޮއްވައިލައިގެންނެވެ. ބީބީސީން އެންމެ ފުރަތަމަ ބުނެފައި ވަނީ ބޮން ގޮވީ، ޖަމާލު އޭނާގެ މުހިއްމު ލިޔުންތަކާއި ފައިސާ ރައްކާ ކުރައްވާ ތިޖޫރީ ހުޅުއްވެވި ވަގުތު ކަމަށާއި، ބޮން ހަރު ކޮށްފައި ހުރި ކަމަށް ބެލެވެނީ ތިޖޫރީގައި ކަމަށެވެ.
ނަމަވެސް ފަލަސްޠީނުގެ އޮފިޝަލަކު ފަހުން ވިދާޅުވެފައި ވަނީ ބޮން ގޮވީ ބޭރުން ޖަމާލު ގެންނެވި ފޮށްޓެއް ހުޅުއްވެވި ވަގުތު ކަމަށާއި، ބޮން އޮތީ އެ ފޮށީގެ ތެރޭގައި ކަމަށެވެ.
ފަލަސްޠީނުގެ މިޝަންތަކާ ބެހޭ ތަރުޖަމާނު ނަބީލް އަލްފާހިލް ޗެކް ރިޕަބްލިކްގެ ރަސްމީ ރޭޑިއޯއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ޕްރާގުގެ ޝޫޑޮލް އަވަށުގައި ހުންނަ ދެބުރި ގޭގައި ޖަމާލު ދިރިއުޅުއްވަމުން ގެންދެވީ އޭނާގެ ޢާއިލާއާ އެކު ކަމަށެވެ.
ޖަމާލުގެ ގެކޮޅުގައި ބޮން ގޮވި ވަގުތު، ދާދި ކައިރީގައި ހުރި އުމުރުން 52 އަހަރުގެ އަންހެނަކަށް ވެސް ޝޮކް ލިބުމާ ގުޅިގެން ހަސްފަތާލުގައި ފަރުވާ ދެވިފައި ވެއެވެ.
އޭއެފްޕީގެ މުރާސިލުންނާ ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު އެންޑްރިއާ ޒޫލޯވާ ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. "އަޅުގަނޑުމެން މި ގެންދަނީ މިކަން ހިނގިނުހިނގި ގޮތެއް ބެލުމަށް ޓަކައި ތަހުގީގު ކުރަމުން." އޭނާ ވިދާޅުވިއެވެ.
އުމުރުން ޖަމާލުލް ޖަމާލަކީ ޕެލަސްޓައިނިއަން ލިބަރޭޝަން އޯރގަނައިޒޭޝަން (ޕީއެލްއޯ) ގެ ފަރާތުން ޕްރާގުގައި ފަލަސްޠީނު ތަމްސީލު ކުރެއްވުމަށް ޓަކައި ހުންނަވާ މަންދޫބެކެވެ. ފަލަސްޠީނުގެ ރައްޔިތުން ތަމްސީލު ކުރާ ޖަމާއަތެއްގެ ގޮތުގައި އަލިފުދާލުން ޕީއެލްއޯ ގަބޫލު ކުރުމާ ގުޅިގެން، އެ ޖަމާއަތުގެ މަންދޫބުން ބައެއް ގައުމުތަކުގައި ޑިޕްލޮމެޓިކް ފެންވަރުގައި މަސައްކަތް ކުރައްވަމުން ގެންދަވައެވެ. ޖަމާލުލް ޖަމާލަކީ ވެސް އެގޮތުން ޑިޕްލޮމެޓެއްގެ ހައިސިއްޔަތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ފަލަސްޠީނުގެ ޑިޕްލޮމެޓެއްގެ ގެކޮޅުގައި، އޭނާގެ އާއިލާގެ މެންބަރުންގެ ފުރާނައަށް ނުރައްކާ ވާ ގޮތަށް ދެވުނު މި ހަމަލައިގެ ޚަބަރުތައް ޔޫރަޕުގެ ނޫސް އޭޖެންސީތަކުން ގެނެސްދިން ނަމަވެސް، އެއްވެސް ނޫހެއްގައި ވެސް، އަދި ހުޅަނގުގެ އެއްވެސް ސިޔާސީ ފަރާތަކުން ވެސް މި ހަމަލާއަކީ ހައްދުފަހަނައެޅި ނަޞާރާއިން ނުވަތަ ޒައިނިސްޓުން ދިން ހަމަލައެއް ކަމަށް ބުނެ ޝައްކުތައް ހާމަ ކޮށްފައެއް ނުވެއެވެ. އަދި މި ހަމަލައަކީ ޓެރަރިސްޓް ހަމަލައެއް ކަމަށް ވެސް ހުޅަނގުގެ އެއްވެސް ފަރާތަކުން ސިފަ ކޮށްފައެއް ނުވެއެވެ.